ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ބަދަލުގައި ސިވިލިއަނުން ގެންނަން މި ސަރުކާރުން އެ ގައުމާ އެކު ވެފައިވާ އެއްބަސްވުން ހާމަނުކުރަން ސަރުކާރުން ނިންމައިފިއެވެ.
އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ކަމަށް ބުނާ ތިން އުޅަނދު އޮޕަރޭޓް ކުރަން ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ފަހު ސިވިލިއަނުން ގެންނަން ދެ ގައުމުން ކުރި މަޝްވަރާތަކުގައި ވަނީ ނިންމާފައެވެ. މިކަން އިންޑީއާ ސަރުކާރުން ވަނީ ކަށަވަރުވެސް ކޮށްދީފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެކަމާ ގުޅޭ ގޮތުން އިންޑިއާ ސަރުކާރާ އެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އިންޑިއާ ސިފައިން ބޭލުމުގެ ކަންކަން ފަށާފައި ވަނީ އެ އެއްބަސްވުމުގެ ދަށުންނެވެ.
ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން ބޭލުމަށް އެ ގައުމާ އެކު ހަދާފައިވާ އެއްބަސްވުމުގެ މައުލޫމާތު ހޯދަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އޮންލައިން ނޫސް "މިހާރު" އިން ފޮރިން މިނިސްޓްރީގައި އެދިފައިވާ ކަމަށް އެނޫހުން ވަނީ ހާމަކޮށްފައެވެ. އަދި އެކަމާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު އެ ނޫހަށް ދިން ޖަވާބުގައި ވާ ގޮތުގައި، އެ އެއްބަސްވުމުގެ ކޮޕީ ހިއްސާކުރެވެން ނެތެވެ.
އެއްބަސްވުމުގެ ކޮޕީ ހާމަނުކުރީ ފޮރިން މިނިސްޓްރީން ބުނިގޮތުގައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުންނެވެ.
ގާނޫނުގެ އެ މާއްދާގައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ކަމެއް ގާނޫނު އަސާސީގައި މާނަކޮށްފައިވާ ދާއިރާގެ ތެރޭގައި ހިމެނޭ މައުލޫމާތެއް ދޫކުރުމުން ފޫނުބެއްދޭ ފަދަ ގެއްލުމެއް ފޯރާނެ ކަމުގެ ބިރު އޮތް ކަމަށްވާ ނަމަ އެފަދަ މައުލޫމާތެއް ދޫނުކުރުމުގެ އިހުތިޔާރު ދައުލަތުގެ އިދާރާއަށް ލިބިގެންވާ ކަމަށެވެ.
ގާނޫނު އަސާސީގައި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކަމަށް މާނަކޮށްފައި ވަނީ ރާއްޖޭގެ ސިޔާދަތާއި އިސްތިގްލާލާއި މީހުންގެ ޖިސްމާއި ފުރާނަ އަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަކަށެވެ.
ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެތީ ކަމަށްބުނެ ސަރުކާރުން އިންޑިއާ ސިފައިން ބޭލުމުގެ އެއްބަސްވުން ހާމަނުކުރިިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާއާ އެކު ހަދާފައިވާ ދިފާއީ އެއްބަސްވުންތައް ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް ބުނެ ހާމަނުކުރުމުން އެންމެ ބޮޑަށް އެކަމާ ފާޑުކީ ބޭފުޅުން މިއަދު ތިއްބެވީ ސަރުކާރުގައެވެ. އަދި ރައީސް މުއިއްޒު ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި އެ އެއްބަސްވުންތައް ހާމަކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
ދެފުށް ފެންނަ ވެރިކަމެއް ކޮށް ދެއްވާނެކަމުގެ ވައުދާއެކު އައިސް ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަމުްނ ދާކަމުގެ ޝަކުވާއަކީ މިހާރު ގަދަވެފައިވާ އަޑެެކެވެ.