ގައުމުގައި ހުރި ސިޔާސީ މަގާމުތަކުގެ ތަފްސީލުތައް ހާމަނުކޮށް ނުހިފެހެއްޓޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނރގެ އޮފީހުން އަންގައިފިއެވެ.
އައިކޮމް އިން މިފަދައިން ހާމަކޮށްފައިވަނީ، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަން ކުރި ބޭފުޅުންގެ މުސާރަތައް ހިމެނޭހެން އެ މަގާމުތަކުގެ ތަފްސީލުތައް ހޯދުމަށް "ދައުރު"ން ޑިސެމްބަރު މަހު އެދުމުން މުއްދަތު ފަހަނަ އަޅާ ދިޔައިރުވެސް މައުލޫމާތު ހާމަކޮށްފައި ނުވާތީ އައިކޮމްއަށް އެ ނޫހުން ހުށަހެޅި މައްސަލައިގައި ބޭއްވި އަޑު އެހުމުގައެވެ.
އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވީ ހޯދަން އެދިފައިވާ މައުލޫމާތަކީ ގާނޫނުގެ ދަށުން ނުދީ ހިފެހެއްޓުމަށް ބަޔާންކުރާ އިސްތިސްނާ ހާލަތައް ފެތޭ މައުލޫމާތުތަކެއް ނޫން ކަމަށެވެ. އެހެންކަމުން، ހޯދަން އެދިފައިވާ މައުލޫމާތަކީ ރައީސް އޮފީހުގައި މިހާރު ހުރި މައުލޫމާތެއް ނަމަ، ރަސްމީ ތިން ދުވަސް ތެރޭ އެ މައުލޫމާތު ދިނުމަށް ރައީސް އޮފީހަށް އެންގުމާ އަދި ހޯދުމަށް އެދިފައިވާ މައުލޫމާތުތަކުގެ ތެރެއިން ބައެއް މައުލޫމާތުތަކަކީ ރައީސް އޮފީހުގައި ބަލަހައްޓަމުން ނުދާ މައުލާމާތެއް ނަމަ، އެކަން ވެސް ރަސްމީ ތިން ދުވަސް ތެރޭ 'ދައުރު'އަށް އެންގުމަށް އައިކޮމް ވަނީ އަންގާފައެވެ.
މީގެ އިތުރުން އެ މައުލޫމާތުތަކީ، ދައުލަތުގެ އެހެން އިދާރާއަކާ ގުޅޭ މައުލޫމާތެއް ނަމަ، އެކަން އެ އިދާރާއަކަށް ބަދަލުކޮށްދިނުމަށް ވެސް އެެންގުމަށް ވަނީ އަންގާފައެވެ.
ހޯދަން އެދުނު މައުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ 17 ނޮވެމްބަރު 2023އިން 17 ޑިސެމްބަރު 2023ގެ ނިޔަލަށް ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ ބޭފުޅުންގެ ނަމާއި އެމީހުން މަގާމާއި މުސާރަ/އިނާޔަތްތައް ހޯދުމަށެވެ.
އެގޮތުން ސްޓޭޓް މިނިސްޓަރު/މިނިސްޓަރުގެ ފެންވަރުގައި އައްޔަން ކުރި ބޭފުޅުންނާ ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި އައްޔަން ކުރި ބޭފުޅުންނާ މިނިސްޓްރީތަކަށް އައްޔަންކޮށްފައިވާ ސިޔާސީ ބޭފުޅުން އަދި އެނޫންވެސް ހުރިހާ ސިޔާސީ މަގާމުތަކަށް އައްޔަން ކުރި ބޭފުޅުންގެ އަދަދު ހާމަކޮށް ދިނުމަށް އެދިފައިވެއެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރީ ކޮޅު މި މައުލޫމާތުތައް ރައީސް އޮފީހުގެ ވެބް ސައިޓުގައި އަދާހަމަކުރަމުން އައި ނަމަވެސް ފަހުން އެކަން ވަނީ ހުއްޓާލާފައެވެ. އެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި "ޓެކްނިކަލް" މައްސަލައެއް ދިމާވެ އެކަން ހުއްޓިފައި އޮތީއެވެ.
ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ މި ސަރުކާރުގެ ސިޔާސީ މަގާމުުތައް ގިނަކަމުން އެކަން ވަންހަނާ ކުރުމަށް ރައީސް އޮފީހުން ހަދާ ދޮގެކެވެ. ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރަކީ ދެ ފުށް ފެންނާނެ ހާމަކަން ބޮޑު ސަރުކާރަކަށް ވާނެކަމަށް ރިޔާސީ އިންތިހާޞުގެ ތެރޭގައި ވިދާޅުވެފައެވެ. ނަމަވެސް މިހާރު ވެސް ސަރުކާރުން މައުލޫމާތު ހޯދުން އުނދަގޫ ކަމަކަށް ވެފައިވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. ޚާއްސަކޮށް ނޫސްވެރިންނަށް މިކަން އުނދަގޫވެފައިވާއިރު، އެ އޮފީހުގައި އިސް ގިނަ ބޭފުޅުންނަކީ މީގެ ކުރިން އެކި މީޑީޔާތައް ތަމްސީލުކުރެއްވި، މައުލޫމާތު ލބިގަތުމަކީ ކިހާ މުހިއްމުކަމެއްކަން އެނގިވަޑައިގަންނަވާނެ ބޭފުޅުންކަން ފާހަގަކޮށްލެވެއެވެ.