ސިއްހީ ދާއިރާއަށް ބަލާއިރު ދިވެހިރާއްޖެއަކީ މާ ގިނަ ވަސީލަތްތަކެއް މީގެ ކުރިން ގާއިމުވެފައިވާ ޤައުމެއް ނޫނެވެ. ބޮޑެތި ބަލިތަކޖަސް ފަރުވާ ހޯދަން ވެއްޖެ ނަމަ ދިވެހިން ދާން ޖެހެނީ އަރާ ފުރައިގެން ކަރަ ކަރަ އަށެވެ.
އެގޮތުން ބަލާއިރު އިންޑިޔާއަކީ ނަގާ ކިޔޭނެ ގައުމެކެވެ. ޚާއްސަކޮށް އިންޑިޔާގެ ސިޓީއެއް ކަމަށް ވާ ތިރުވަނަންތަޕޫރަމުއަކީ އޭގެ ތެރެއިން ފާހަގަވާނެ ނަމަކެވެ. މިކަމާ ދެބަސްވާނެ އެއްވެސް ދިވެއްސަކު ހުންނާނެ ހެނެއް ހިޔެއް ނުވެއެވެ.
މެގްނެޓިކު ރެސޮނަންސް އިމޭޖްނިންގ ނުވަތަ އެމްއާރުއައި އާ ކޮމްޕިއުޓެށް ޓޮމޮގްރެޕީ ސްކޭން ނުވަތަ ސީޓީ ސްކޭން ފަދަ ނަން ނަމަކީ މީގެ އަހަރުތަކެއް ކުރިއަށް ބަލާނަމަ އަޅުގަޑުމެން ދިވެހިންނަށް ސިއްހީ ދާއިރާ ކަނޑުއެޅި ރޮގުވެސް ނޭނގޭ ހެން ނޭނގޭ ނަން ނަމެވެ.
އަދި ބޮޑެތި ބަލިތައް ކަމުގައިވާ ކެންސަރާ އަދި ކީޑްނީ ފެއިލުވުން ފަދަ ބަލި ބައްޔަކީ ދުވަހަކުވެސް ދިވެހިން އަޑު އަހާފައިވާ ބަލިތަކެއް ނޫނެވެ.
ވާނީވެސް އެހެން ތާއެވެ. އޭރަކު ބަލި ބަލި ދެނެގަނެވޭނެ ނިޒާމެއް އޭރަކު ގާއިމުވެފައިއެއް ނުވޭ ވިއްޔާއެވެ.
އޭރު ކަންމިހެން އޮތްއިރު ބޮޑު ބައްޔެއްވެ ނުވަތަ ބަލީގެ ގޮތް ނޭންގެންޏާ އަރާ ފުރައިގެންދާނީ އިންޑިޔާއަށެވެ. އިންޑިޔާގެ ވެސް ޓްރިވެންޑްރަމުއަކީ އޭގެ ތެރެއިން ދިވެހިންގެ ބޭހުގެ އައްޑާއެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
މީގެ ވިއްސަކަށް އަހަރު ކުރިއަށް ބަލާއިރު، ރައީސް މައުމޫނު އަބްދުލްޤައްޔޫމު ގެންގުޅުއްވި ސިއްހީ ނިޒާމުގެ އޮއްޓާރެއް ނެތުމުގެ ނަތީޖާއަކަށްވީ ޓްރިވެންޑްރަމްގެ މެޑިކަލް ޓުއަރިޒަމްގެ 80 އިން ސައްތަ ހިއްސާއަކީ ދިވެހިންނަށްވުމެވެ.
ކަންމިހެން އޮތްއިރު ރާއްޖޭގެ ޓުއަރިޒަމް ބޮއިކޮޓުކުރަން އިންޑިއާއިން ގޮވާލުމަކީ ހަމަ އެމީހުންނަށް އެންމެ ފައިދާ ހުރި ގޮތްތޯ މިއީ ބަލާލުން މުހިއްމު ކަމަކެވެ.
މިދިޔަ އަހަރު 200،000 އަށްވުރެ ގިނަ ޓޫރިސްޓުން އައިސް ރާއްޖޭގެ އިގްތިސޯދުގައި މުހިންމު ރޯލެއް ކުޅުނީ އިންޑިއާއެވެ. މިއީ ރާއްޖޭގެ ޓޫރިޒަމްގެ 12 ޕަސެންޓެވެ. އެކަމަކު ހަގީގަތަކީ އެ އަންނަ މީހުންގެ ބޮޑު ބަޔަކީ ރާއްޖޭގެ އަގުދަށް ރިސޯޓުތަކަށް ފޭބި މީހުނެވެ. އަދި ރާއްޖެއަށް އޮން އެރައިވަލްގައި އާދެވޭއިރު މީގެ ތެރޭން ބޮޑު ޕަސެންޓޭޖެއް "ބިޒްނަސް ޓްރެވަލާސް" ގެ ގޮތުގައި ހިމެނެއެވެ.
ދިވެހިން އިންޑިއާގައި އެންމެ ގިނައިން ގޮސް އުޅޭ ސްޓޭޓަކީ އިންޑިއާގެ ކެރެލާއެވެ. ގިނަ ބަޔަކު ދިރި އުޅެނީ ކެރެލާގެ ޓްރިވެންޑްރަމްގައެވެ. އެ ސްޓޭޓޫގެ ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކެރެލާއަށް ދެވަނައަށް އެންމެ ގިނައިން ދަނީ މި ކުޑަ ކުޑަ ރާއްޖޭގެ އަހުލުވެރިންނެވެ. ދިވެހިންނެވެ. 2018 ވަނަ އަހަރު ކެރެލާއަށް 42,237 ދިވެހިން އަދި 2019 ގައި 52,236 ދިވެހިން އަދި މިދިޔަ އަހަރު 38,143 ދިވެހިން ގޮސްފައިވެއެވެ. މި އަދަދު ތަކަކީ އެ ސްޓޭޓަށް ޒިޔާޔަތް ކުރާ މީހުންގެ 11 އިން ސައްތައެވެ. ބޭސްފަރުވާގެ ކަންކަމަށް ބަލާއިރު ދިވެހިންގެ އަތުން ސަރުކާރުގެ ހަރަދުގައި 200 ބިލިއަންއަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެއެވެ.
މީގެ އިތުރުން ދިވެހިން އަމިއްލަ ޖީބުން އެތާ އެތިބޭ ތިބުމުގައި ހޭދަކުރާ މިންވަރު އަދި ކޮބައިތޯއެވެ؟
މިދިޔަ އަހަރުގެ އޮގަސްޓާ ހަމައަށް ބަލާއިރު ދިވެހިން އިންޑިއާއަށް ދަތުރުކުރި ނިސްބަތް ވަނީ ބޮޑު ޕަސެންޓަކުން އުފުލިފައެވެ. އަދި މި އަދަދުން ބަލާނަމަ މިދިޔަ އަހަރު ދިވެހިން އެ ގައުމުގައި އަމިއްލަ ޖީބުން ބިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްފައި ވާނެ ކަމަށް އަންދާޒާ ކުރެވިފައިވެއެވެ. އެހެންކަމުން ދިވެހިންގެ ނަމުގައި އިންޑިއާގެ އިގްތިސޯދަށް ވަންނަ ފައިސާގެ މިންވަރަކީ ޔަގީނުންވެސް އިންޑިއާގެ ތަރައްގީގެ މަގުގައި މުހިއްމު އެއްޗަކަށްވާނެއެވެ.
ދިވެހިން އިންޑިއާއަށް ދަތުރުކުރުން މަދުކޮށްފި ނަމަ ނުވަތަ ހުއްޓާލައިފިނަމަ ދެން އިންޑިއާ ވާނެ ގޮތް ވެސް ނިކަން ރަގަޅަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެނިގެން ގޮސްފައިވެއެވެ. އަމިއްލަ ބާރުވެރިކަން އަމިއްލަ އަތަށް ނެގުމާ އެކު އިންޑިއާއަށް ބޭސްފަރުވާގެ ކަންކަމުގައި ސަލާން ޖެހުން ހުއްޓުމަކަށް ގެނައުމަށް ގެންގުޅުއްވި ސިޔާސަތުފުޅާއެކު އެ ފަސް އަހަރު އިންޑއާއަށް ދަތުރުކުރި ދިވެހިންގެ އަދަދު ނިސްބަތުން ވަރަށް ދަށަށް ދިޔައެވެ. އެއާއެކު އިންޑިއާގެ އިގްތިސޯދު ދަށްވެ ޚުދު އެގައުމުގެ ރައްޔިތުން ސަރުކާރަށް ގޮވާލީ އިންޑިއާއިން ރާއްޖެއަށް ވިސާ ދިނުމުގައި އޭރު ކުރަމުން ދިޔަ ދުއްތުރާ ހުއްޓާލުމަށެވެ.
އިންޑިއާ މީހުން ރާއްޖެ އައިސް އެ މީހުންގެ އަނބި ދަރިންނަށް ކާން ދޭން މަސައްކަތް ކުރަނީ ރާއްޖޭގެ އިގްތިސޯދުގެ ވަރުގަދަ ކަމުން އެ މީހުނަށް ލިބޭ އާމްދަނީ ނުހަނު ބޮޑުވުމުންނެވެ. އެގޮތުން ރާއްޖޭގެ ޓުއަރިޒަމް ސެކްޓާރގައި މަސައްކަތްކުރާ 33،000 އިންޑިއާ މީހުން އަހަރަކު 60 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ހަމައެކަނި މުސާރައިގެ ގޮތުގައި ރާއްޖޭން ބޭރުކުރެއެވެ.
މި ސަރަހައްދަށް ބަލާއިރު ރާއްޖޭގެ އިގްތިސޯދަކީ ސަރަހައްދުގެ ސުޕަރ ޕަވަރ އިގްތިސޯދެވެ. އެކަމުގެ ފައިދާވެސް އިންޑިއާއަށް ވެއެވެ. އެގޮތުން ބަލާއިރު ރާއްޖޭގައި ހިންގާ އިންޑިއާގެ ގައުމީ ބޭންކް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ބްރާންޗަކީ އެބޭންކަށް އެންމެ ބޮޑު ސާފު ފައިދާއެއް ލިބޭ ބްރާންޗެވެ. މި ސަރަހައްދުން ވެސް އެންމެ ބޮޑު އިންޓްރެސްޓް ރޭޓެއްގައި ބޭންކް ލޯނު ދޫކުރާ ގައުމަކީ ރާއްޖެ ކަމަށްވީއިރު ހައުސިން ނުވަތަ ރިއަލް އެސްޓޭޓް ލޯނެއްގެ އިންޓްރެސްޓް ހުރީ 12 ޕަސެންޓުގައި ހުރުމުން އެކަމުގެ ފައިދާ އެސްބީއައިއަށް ނުހަނު ބޮޑަށް ކުރެއެވެ.
ދެން މިހާ ހިސާބުން ރާއްޖޭގެ ހުރި އިންޑިއާ ބިލިއަނަރުންގެ ވިޔަފާރިތަކަށް ނަޒަރު ހިންގާލަމާތޯއެވެ؟ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ޓުއަރިޒަމަށް 50 ނޫނީ 80 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރުމުން އެ ހަރަދުކުރި މިންވަރު ލިބޭނީ އާއްމުކޮށް 20 އަހަރުންނެވެ. ނަމަވެސް ރާއްޖޭގައި ރިސޯޓެއް ހަދައިފިނަމަ ފަސް އަހަރާއި އަށް އަހަރާ ދެމެދު އިންވެސްޓްމަންޓުގެ އަގުގެ ބަދަލު ލިބި ފައިދާވެއެވެ. އަދި ބަދަލު ލިބެން އެނަގާ މުއްދަތުގައި އެތައް އޮފަރތަކެއް އިންވެސްޓަރުންނަށް އާދެއެވެ.
ކަން މިހެން ހުރުމުން އިންޑިއާގެ މަޝްހޫރު ހޮޓެލް ބްރޭންޑްއިން ކަމަށްވާ ތާޖް އަދި އެޓްމޮސް ފަދަ ބްރޭންޑުތަކުން ރާއްޖޭގައި މިލިއަނުން ފައިދާވާ ވިޔަފާރި ހިންގައެވެ. އެހެންވެ ބޮއިކޮޓް ކޮށްގެން އެކަމުގައި އެ މީހުންނަށް ދެމި ތިބޭވޭނެ އެއްގޮތެއް ވެސް ނެތެވެ.
މިހުރިހާ ކަމެއް ހުރީ މިހެންކަމަށްވީއިރު ރައީސް އިބްރާހިމް ނާސިރަށް ފަހު ރައީސް މައުމޫން ވަޑައިގެން އެންމެ ގޯސްކޮށް ކުރެއްވެވި އެއްކަންކަމަށްވާ، އިންޑިއާ ބޭނުންވާ ގޮތަށް އެ ގައުމަށް ބަރޯސާވެވޭ "އިންޑިއާބިސްފިޔާއަލުވީ" ގެ ދެމިގެންދާ ސިޔާސަތެއް، ސަގަފާތަކަށް ވާނެހެން ރާއްޖޭގައި ފައްކާކޮށްފައި އޮތް ސިޔާސަތު އަހަރުމެން މިހާރުވެސް ނިމުމަކަށް ގެނެވިދާނެއެވެ. އެކަން ރައީސް ޔާމީންވަނީ ސާބިތުވެސް ކޮށްދެއްވާފައެވެ.
އެހެންކަމުން ފިޔާ ބިސް އަލުވި ކޮޅަކަށް ބިރުން އަނގައިން ނުބުނެ އަހަރުމެން ތިބެން ނުޖެހެއެވެ. އަދި މިހާރު ރާއްޖޭގެ ޓުއަރިޒަމް ބޮއިކޮޓުކުރަން ގޮވަމުން ލަކްޝަދީޕުއަށް އަންނަން ގޮވަމުންދާއިރު ލަކްޝަދީޕަކީވެސް އަހަރުމެންގެ ގައުމުން ވަގަށް ނަގައިގެން އުޅޭ ތަނެއްކަން އިންޑިއާއިން ހަނދާނެއް ނެތެވެ.
އެހެންކަމުން އަވައްޓެރިޔާއަށް ބުނެލަން އޮތީ ގައުމު ކުޑަ ނަމަވެސް އަހަރުމެން މުށު ތެރޭގައިވެސް އޮތް ބާރު ކުޑަ ނޫން ވާހަކައެވެ. އަހަރުމެންގެ ސަރުކާރަށް ބިރު ދައްކާ އެމްބެސަޑަރު ހާޒިރުކުރިޔަސް ދިވެހިންނަކީ ފަސް ޖެހޭނެ ބައެއް ނޫން ވާހަކައެވެ. ސަރުކާރު ނޭވާ ހޮޅިއަށް އަޅުވާލަނަމޭ ހިތާ ތިޔަ ފިއްތަމުންދާ ފިއްތުންތަކުގެ ހިތި ރަހަ ތިޔަ އަވައްޓެރިޔާގެ ކަރުބޮޑުގައި ލާން ބޭނުންނޫން ނަމަ ސަރުކާރުގެ ވައިނޮޅިން އަތް ނަގާށެވެ. އިންޑިއާ އައުޓު ގޮވަން އަނެއްކާވެސް އެހެންކަމެއްގައި މަޖްބޫރުނުކުރާށެވެ.