
ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގރެސް (ޕީއެންސީ)ގެ ލީޑާރޝިޕަކީ ރައްޔިތުންނަށާ ގައުމަސް އޮތް ނުރައްކަލެއް ކަމަށް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފިއެވެ.
ޑރ. ޖަމީލު މިފަދައިން ވިދާޅުވީ ތ. ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވާ ސަރުކާރުގެ ކެންޑިޑޭޓަކު ހުއްޓާ ވަކިން ވާދަކުރައްވާ ކެންޑިޑޭޓަކަށް ސަރުކާރުގެ ތާއިދު އޮތް ކަމަށް ސަރުކާރުގެ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވާ ވީޑިއޯއެއް "އެކްސް" ގައި ރީ ޕޯސްޓު ކުރައްވާފައެވެ.
ތިމަރަފުށީ ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީ ކާމިޔާބުކުރެއްވީ އިބްރާހިމް ސަނާހު (ސަންޓޯ) އެވެ. ނަމަވެސް ސަރުކާރުން ތާއިދުކުރަނީ އަމިއްލަ ގޮތުން އެ ދާއިރާއަށް ވާދަކުރާ އަހުމަދު ރިޔާޒަށެވެ. ރިޔާޒު އަކީ އެ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒުގެ ބޭބެއެވެ.
ޑރ. ޖަމީލު ވިދާޅުވީ އެ ވީޑިއޯއިން ސާބިތުވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީ އެއްވެސް މީހަކަށް އަދުލުވެރި ބޭފުޅެއް ނޫންކަން ކަމަށެވެ. ރައީސް މުއިއްޒަށް އިތުބާރު ކުރަން ހެޔޮނުވާނެ ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.
ރައީސް އަބްދުﷲ ޔާމީންގެ އިސް ވަކީލު ޑރ. ޖަމީލު ތުހުމަތު ކުރެއްވި ގޮތުގައި ރައީސް މުއިއްޒު ގެންދަވަނީ ލަދުވެތިކަމެެއް ނެތި އަމިއްލަ ޕާޓީ ތެރޭގައި މަކަރު ހަދަމުންދާ މުންނެވެ.
މީގެ އިތުރުން ޕީއެންސީގެ ލީޑާޝިޕަކީ އެ ޕާޓީއަށާއި ގައުމަށް އޮތް ނުރައްކަލެއްކަމަށް ވިދާޅުވެ ޑރ. ޖަމީލު ވަނީ ރައްކާތެރިކަން މަޖްލިސް އިންތިހާބުން ހޯދުމަށް ގޮވާލައްވާފައެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕަށް ޑރ. ޖަމީލު ފާޑުކިޔުން އަމާޒުވެފައިވާއިރު، ޕީޕީއެމަށް ރައީސް މުއިއްޒަށް ހެވެއް ނޭދޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެން ސަރުކާރުގެ އިސްވެރިންނަށް އެކަމަށް ރައްދު ދިނުމަށް އަމުރުކޮށް މުއިއްޒު ގެންދަވަނީ ޑިފެންސަށް ކުޅުއްވަމުން ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކުވަނީ ނަން ހާމަނުކުރުމަށް އެދި ޗެނަލް13އަށް މައުލޫމާތު ދެއްވާފައެވެ.










