ކުރީ ސަރުކާރުގައި، ފުލުހުންގެ އިހުމާލުން މަރުވި، މަރްހޫމް އަބްދުﷲ ރަޝީދު (މާޓީ) ގެ މަރު، އަދުގެ ސަރުކާރުން ތަހުގީގު ކުރީ އާދައިގެ ގޮތަކަށް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ އާދިއްތަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ކުރިޔަށް ދިޔަ ޖަލްސާއެއްގައި ހެންވެއިރު ދެކުނަށް ޕީއެންއެފްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަށް ސުވާލު އަމާޒުކުރައްވަމުންނެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ މާޓީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މޭގައި ރިއްސާތީ އެވަރަށް އިލްތިމާސްކޮށްގެންވެސް ސިއްހީ ފަރުވާއަށް ގެންގޮސްފައި ނުވާކަން ނޫސްތަކުން އެނގޭކަމަށެވެ.
އަދި ސިއްހީ ފަރުވާއަށް ގެންދެވުނު ކަމަކަށް ފުލުހުން ހާމަކޮށްފައިނުވާކަން ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ނިމިދިޔަ ސަރުކާރުގައި މި މައްސަލަ "ކާޕެޓް ދަށަށް ސްވީޕް" ކޮށްލި މައްސަލައެއްގެ ގޮތުގައި ނިމިގެން ގޮސްފައިވާކަމަށްވެސް ރައީސް ޔާމިން ވަނީ ފާހަގަކުރައްވާފައެވެ.
އަދުގެ ސަރުކާރުގެ ހޯމް މިނިސްޓާރ އަލީ އިހުސާން ވިދާޅުވިގޮތުގައި މާޓީގެ މަރުގައި ފުލުހުންގެ އެއްވެސް އިހުމާލެއް ފެންނަން ނެތްކަމަށް ވިދާޅުވުމުން އެއީ ވަރަށް ކަންބޮޑުވާކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ފުލުހުންގެ އިހުމާލެއް އެކަމުގައި ނެތް ކަމަށް ވިދާޅުވި ނަމަވެސް ރައްޔިތުންނަށް އެނގެންޖެހޭ އަދި ނޭނގޭ އެތައް ކަމެއް އެބަހުރިކަމަށެވެ.
ފުލުހުންގެ ފަރާތުން އަދި ހޯމްލޭންޑް މިނިސްޓަރުގެ ފަރާތުންވެސް އެކަމުގައި ރައްޔިތުންނަށް ވަރަށް ކަން ކަން ތިލަކޮށްދޭން ޖެހޭނެކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ނިމިދިޔަ ސަރުކާރުގައި ހިނގަދިޔަ މި މަރުގެ މައްސަލަ ތަހުގީގް ކުރުމަށް އަދުގެ ސަރުކާރުގައި ތިބި ފަރާތްތަކުން ވަނީ އޭރުގައި ގޮވާލާފައެވެ.
ނަމަވެސް ވެރިކަމަަށް އައުމަށްފަހު މާޓީގެ މަރުގެ މައްސަލަ ތަހުގީގު ކޮށް އެކަމުގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށް ބުނުމުން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.