

އޭޕްރިލް 21 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ދާއިމީ ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުންނާއި މަންދޫބުން ސޮއިކުރަން ފަށައިފި އެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނިގޮތުގައި ކެންޑިޑޭޓުގެ ބަދަލުގައި ސޮއި ކުރަނީ ކެންޑިޑޭޓު ކަނޑައަޅާ މީހެއް ނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ސޮއިކުރާ މީހާގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭ ގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަން ޖެހޭނެ ކަމަށެވެ.
އެހެންކަމުން ރަޖިސްޓަރީގައި ސޮއި ކުރަން އަންނަ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު، ސޮއި ކުރަން ދާ އިރު ގެންނަން ޖެހޭނެ ކަމަށް ވެސް އީސިން މީގެ ކުރިންވެސް ވަނީ ބުނެފައެވެ.
ވޯޓާރސް ލިސްޓްގައި ސޮއި ކުރުން ކުރިޔަށް ދަނީ އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރު) ގޭގައެވެ.
އީސީން ފައިނަލް ވޯޓާސް ލިސްޓް އާންމުކުރީ މި މަހުގެ 22 ވަނަ ދުވަހުގައެވެ.
އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބަށް އީސީން އަންނަނީ އެކި ގޮތްގޮތުން ތައްޔާރު ވަމުންނެވެ.