ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރާ ދުބާއީގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެ ލީޑަރުން އެއްބަސްވެވަޑައިގަތް ގޮތަށް، ދިވެހިރާއްޖެއާ އިންޑިއާއިން މަޝްވަރާކުރަން ޖެހޭ ކަންކަމާއި ގުޅިގެން ދެ ޤައުމުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާ ހައިލެވެލް ކޮމިޓީގެ ބައްދަލުވުންތައް ފަށައިފިއެވެ.
މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ފޮރިން މިނިސްޓްރީގައި ހިނގަނީ އިންޑިއާގެ ސަފީރު މުނޫ މަހާވަރު ހިމެނި ވަޑައިގަންނަވާ ގޮތަށް އެހެން ޑިޕްލޮމެޓުންގެ މައްޗަށް އެކުލަވާލާފައިވާ ވަފުދަކާއި ރާއްޖޭގެ ސަރުކާރާއެކުއެވެ.
މި މަޝްވަރާތަކުގައި އިންޑިއާގެ ފަސް ބޭފުޅަކު ބައިވެެރިވެ ވަޑައިގަންނަވައެވެ. ރާއްޖެއިން ބައިވެރިވެވަޑައިގަންނަވަނީ ހަތަރު ބޭފުޅެކެވެ. އެ ހަތަރު ބޭފުޅުންނަކީ އީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒާއި އެމްބެސަޑާ އެޓް ލާޖް އަލީ ނަސީރު (އަލިނީ) އާއި އިންޑިއާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ސަފީރު އިބްރާހިމް ޝަހީބާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފްއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަޝްވަރާތައް މިއަދުގެ ހަވީރާ ހަމައަށް ކުރިއަށްދާނެއެވެ. އެއަށް ފަހު ފޮރިން މިނިސްޓްރީއިން ބައްދަލުވުމުގެ އިތުރު ތަފްސީލު ހާމަކުރާނެއެވެ.
ބައްދަލުވުންތައް ފަށާފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދާނެ ތާރީހެއް އަންނަ މާޗުގެ ކުރިން ދިނުމަށް އިންޑިއާ ސަރުކާރުގެ ކިބައިން އެދިފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.