އަޅުކަމަށް ތަން ދިނުމަށް ކަމަށް ބުނެ ފަހު ދިހައެއް ބަންދުކުރުމަށް ފަހު ރޭގަނޑު ވަގުތު ރައީސުލްޖުމްހޫރިއްޔާ ވެސް ބައިވެރިވެ ބާރަށް ލަވަޖަހާތީ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ރަމަޝާން މަހުގެ ފަހު ދިހައެއް ބަންދުކުރީ އަޅުކަމުގައި މީހުން ހޭދަކުރާ ވަގުތު އިތުރުކުރުމަށް ތަން ދިނުމަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ. ނަމަވެސް ފަހު ދިހަގައި ދުވާލެއް ރޭގަނޑެއް ބެލުމެއް ނެތި ރައީސް މުއިއްޒު ކެމްޕެއިންގައި އުޅުއްވާ މަންޒަރު ދަނީ ފެންނަމުންނެވެ. ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް މަޖްބޫރުކޮށް ޖަހި ޖަހައިގެން ނުކުމެވަޑައިގަންނަވާ ރައީސް މުއިއްޒު ގެންދަވަނީ މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރައްވަމުންނެވެ.
ކެމްޕެއިންގެ ތެރޭގައި މީހުންނަށް ޣީބަ ބުނުމާ މީހުންގެ ނެތި މޮށުމާ މީހުންގެ ވާހަކަ ދެއްކުން ރައީސް މުއިއްޒު ވަނީ ދެގިޔަރު ކުރިއަށް ޖައްސަވާފައެވެ. އެއާއެކު ރޭގަނޑު ގަޑީގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާއިރު ލަވަ އާ މިއުޒިކުގެ އަޑު ގަދަވާތީ ކައިރި ހިސާބުތަކުގައި ދިރިއުޅޭ މީހުންގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.
އެގޮތުން އަންގާރަ ދުވަހުގެ ރޭ ހިޔާ ޕާކުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެން ބޭއްވި ހަރަކާތުގައި ބާރަށް ލަވައާ މިއުޒިކު ޖަހާފައި ހުރުމުން ކައިރި ހިސާބުތަކުގައި ތިބި ޓަވަރުތަކުގެ ދިރިއުޅޭ މީހުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރޭގަނޑުގެ ދަން ބަޔަސް ވާއިރު ބާރަށް ލަވަ ޖެހުމުގެ ސަގާފަތް ހުއްޓޭނީ ކޮންއިރަކުތޯ ކަމަށާ 4 ޓަވަރު މެދުގައި ބާރަށް ލަވަ ޖަހާއިރު ކުޑަ ކުދިންނާ ދަން ގަޑިއަށް އަޅުކަމަށް ހޭލާ މީހުން ނިދާފައި ތިބޭނެކަން ދަންނަން ޖެހޭނެ ކަމަށެވެ.
ފަހު ދިހައެއްގެ ރޭ އަޅުކަން ގިނަ ކުރުމަކީ އޭގެ ދަރުމަ އާ ސަވާބު ހޯދަން މަސައްކަތްކުރާ މީހުން ކުރާ ކަމަކަސްވާތީވެ އާ އެކު ފަހު ދިހައެއް ބަންދުކުރި ކަމަށް ރައީސް މުއިއްޒު ވިދާޅުވާއިރު ރޭގަނޑެއް ދުވާލެއް ބެލުމެއް ނެތި ހޭބޯނާރާ ކެމްޕެއިންގައި އުޅުއްވަމުން މީހުންގެ ނެތި މޮށުމަކީ އަޅުކަމެއްގެ ގޮތުގައި ރައީސް މުއިއްޒު ސިފަކުރައްވާފައިވެއެވެ.
އެގޮތުން ސަރުކާރު ހިންގާ ޕީއެންސީއަށް ކެމްޕެއިން ކުރުމަކީ މާތް މަސައްކަތެއް ކަމަށާއި ރޯދަ މަހުގެ ފަހު 10 ގައި ކެމްޕެއިނުގެ މަސައްކަތުގައި މެންބަރުން އުޅޭތީ އުފާ ކުރައްވާ ކަމަށް އެމަނިކުފާނު ވަނީ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން ވިދާޅުވެފައެވެ.