ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ކަންކަމާ ގުޅުވާ ދައްކަމުން އަދި ފަތުރަމުންދާ ބައެއް ވާހަކަތަކަށް ޕާޓީގެ މުއައްސިސް، ރައީސް އަބްދުﷲ ޔާމީންގެ ދޮށީ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން ރައްދު ދެއްވައިފިއެވެ.
ޒޭން މިކަމާ ގުޅިގެން ރައްދު ދެއްވާފައިވަނި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ޕީއެންސީގެ ސެނެޓް މެމްބަރު އަހުމަދު ރަޝީދު (ގައުމީލޭ) ފޭސްބުކްގައި ޕީއެންއެފްގެ ލޯގޯ ހިއްސާކޮށް، އެއީ ރައީސް ޔާމީންގެ އިސް ވަކީލު، ޑރ. މުހައްމަދު ޖަމީލު އަހުމަދު އުފައްދަން އުޅޭ ޕާޓީގެ ލޯގޯ ކަމަށާ އެ ލޯގޯ ވައްތަރީ ކޮން އެއްޗަކާ ތޯ އަހާ އިޚްތިޔާރީ ދެ ޖަވާބަކާ އެކު ފޭސްބުކްގައި ހިއްސާކުރި ޕޯސްޓަކަށް ރައްދު ދެއްވާ ޒޭން ވިދާޅުވީ، ޕީއެންއެފް އުފެއްދީ އޭނާ ކަމަށާ އެކަން ކުރީ ސިޔާސީ ގޮތުން ރައީސް ޔާމީނަށް އަނިޔާ ދެމުން ގެންދާތީ މައިންބަފައިންގެ ހައްގުގައި ކަމަށެވެ. އަދި އެކަން ނޭނގިގެން އުޅޭ ބަޔަކަށް ވިއްޔާ އެކަން ސާފުވާނެކަމަށް އުއްމީދުކުރާ ކަމަށްވެސް ޒޭން ވަނީ ވިދާޅުވެފައެވެ.
އާންމުކޮށް މަޑުމައިތިރި މިޒާޖެއްގެ ވެރި ޒޭން މިފަދައިން ރައްދުދީފައި މިވަނީ ޕީއެންއެފްއާ ގުޅުވާ ސޯޝަލް މީޑިޔާގައި ސަރުކާރަށް ތާއީދުކުރާ މީހުން ގިނަ ދޮގު ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.
ޕިއެންއެފް އުފައްދަން އީސީއިން ހުއްދަ ދީފައިވަނި ޒޭންއަށެވެ. ޒޭންއަކީ އެ ޕާޓީގެ މުއައްސިސެވެ.