ޕީއެންއެފް ޖަލްސާ / ޝާވިން | ތޭރަ އިމޭޖްސް
ސިޔާސީ
އަޅުގަޑުގެ ހައްގުގައި މުޒާހަރާކުރިން އަޅުގަޑުގެ ވަފާތެރިން، ލީޑަރޝިޕު އޮތީ ފިލާ: ރައީސް ޔާމީން
06 އޭޕްރީލު 2024
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީނަށް ނުހައްގުން އަނިޔާކޮށް ޖަލުގައި ހުކުމެއް ތަންފީޒުކުރަން މަޖްބޫރުކުރުވުމުން އެމަނިކުފާނަށް ވަފާތެރި ސަޕޯޓަރުން ކުރަން ފެށި މުޒާހަރާތައް ހުއްޓުވަން އޭރު ޕީޕީއެމް އެންސީގެ ލީޑަރޝިޕުން މަސައްކަތްކުރި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ފަރާތުން މަޖިލީހަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަށް ދަ ފްރޮންޓް އޮފީހުގައި ބާއްވަމުން ގެންދާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ރައްދު ދީ ސަރުކާރުން ދައްކަމުންދާ ވާހަކަތަކަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށް ރައްދު ދެއްވާފައެވެ.

އެގޮތުން އެމަނިކުފާނު އިންތިހާބު ބޮއިކޮޓުކޮށް ދެ ޕާޓިއާ މެމްބަރުން މަގުމަތިކޮށްލަން އުޅުނު ކަމަށްބުނެ އެމަނިކުފާނާ މެދު ނަފްރަތު އުފެއްދުމަށް ޕީޕީއެމް ޕިއެންސީގެ ވެރިން މިއަދު މަސައްކަތްކުރަމުންދާއިރު، ބޮއިކޮޓުކުރަން ހިޔާލު އެމަނިކުފާނު ފޮނުއްވީ އޭގެ ކުރިން ލީޑަރޝިޕުން އެމަނިކުފާނަށް ބައިވެރިނުވެވޭ އިންތިހާބެއް ރާއްޖޭގައި ނުބޭއްވޭނެ ކަމަށް ބުނެ އެކި އެކި ޕްލެޓު ފޮމުތަކުގައި އެ ފަދަ އިންތިހާބެއް ބާއްވާނަމަ ބޮއިކޮޓުކުރާނެކަމަށް އެ ބޭފުޅުން ވިދާޅުވަމުން ގެންދެވުމުން އެ ބޭފުޅުންގެ އެ ހިތްވަރު ހުރިތޯ ޔަގީންކުރުމަށް ކަމަށެވެ.

ނަމަވެސް އެ ބޭފުޅުން އެ ހިތްވަރު ނުހުންނާނެކަން މަގުމަތީ ހަރަކާތްތަކުންވެސް ފެނިގެންދިޔަ ކަމަށާ އެގޮތުން އެމަނިކުފާނު މިނިވަންކުރަން ގޮވާލާ ކުރިއަށް ގެންދިޔަ މުޒާހަރާތައް ހުއްޓުވަން ސީދާ ލިޑާރޝިޕުގެ ބައެއް ބޭފުޅުން އުޅުއްވިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މަގުމަތީ ހަރަކާތައް ނުކުންނަ މީހުން އޮފީހަށް ހާޒިރު އެމީހުންނަށް ބޭނުންވާ ޒަރޫރީ ބައެއް ކަންކަން ފުއްދާ ފައިސާ ދީ ހެދުމަށް ފަހު އެބަހުރި މުޒާހަރާއަށް ނުނިކުންނަން އަންގާފައި. އަނެއްކާ މުޒާހަރާއަށް ނުކުންނަ މީހުންގެ ތެރެއިން ހައްޔަރުކުރަންވީ މީހުންގެ ލިސްޓު ވެސް ފޮނުވާފައި އެބަހުރި މި އޮފީސް ތެރެއިން. މުޒާހރާތަކުގެ އާރެއް ނެތް. އެކަން ކުރި އަޅުގަޑު ދެކެ ލޯބިވާ އަޅުގަޑުގެ ސަޕޯޓަރުން

- ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ޕީޕީއެމް ޕިއެންސީގެ ލީޑާރޝިޕުގައި އިހުލާސްތެރިއަކު ނެތް ކަމަށާ އެ ބޭފުޅުން ބޭނުންވީ އެމަނިކުފާނު ޖަލުގައި ބާއްވައިގެން އިންތިހާބު ބާއްވަން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރިއަރައި ދާން ބޭނުންވުމަކީ އިންސާނީ ފިޠުރަތު ކަމަށާ ނަމަވެސް އެމަނިކުފާނުގެ މައްސަލައަކީ ޖަލުގައި އެމަނިކުފާނު ބަހައްޓާއިގެން އެކަން ކުރަން އެ ބޭފުޅުން އުޅުން ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved