ޕީއެންސީއިން ބޭއްވި ޕެނަލް ޑިސްކަޝަންގައި އަބްދުއްރަހީމުގެ ބަސް މަގުން ހާމަވީ ރައީސް އަބްދުﷲ ޔާމީނަށް ދެމުން އައި އަނިޔާ ތަކުރާރުކުރަނީ ރައީސް މުހައްމަދު މުއިއްޒުއާ އަދުރޭ އާ ގުޅިގެންކަން ކަމަށް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންއާ އަދި އެމަނިކުފަނުގެ އަރިސް ބޭފުޅުންނާ އަދި އާއިލާއަށް ނިސްބަތްކޮށް އެ ޕެނަލް ޑިސްކަޝަންގައި އަދުރޭ ދެއްކީ ވަރަށް ދަށު ދަރަޖައިގެ ވާހަކައެއް ކަމަށާ އެގޮތުން އެ ފަދަ ބަސް މަގު ހުތުރު މީހެއްގެ ދަރަޖައަށް ވެއްޓުމަކީ މޮޔަކަމެއް ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.
ޗެނަލް13ގެ ޚަބަރު ގަޑީގައި ދެއްވި ބަސްދީގަތުމެއް ޑރ. ޖަމީލު ވިދާޅުވީ ފަސް އަހަރު އެމަނިކުފާނު މަގު މަތިން ނުފެންނަ ވާހަކަ ވިދާޅުވިއިރު ރައީސް ޔާމީންގެ ގާނޫނީ މަސައްކަތްތައް ކުރަން ހޭދަވި ވަގުތާ ހަކަތަ އަބްދުއްރަހީމުއަށް އެނގޭތޯއެވެ.
އެގޮތުން އަބްދުއްރަހީމު މުޒާހަރާއަށް އާންމު މެމްބަރުން ފޮނުވާފައި ނޫޑްލްސްއާ ބިރިޔާނީ ކާން ޕާޓި އޮފީހުގައި އިން ނަމަވެސް އެމަނިކުފާނު އުޅުއްވީ ރައީސް ޔާމީންގެ މައްސަލައިގައި ކޯޓުތަކަށް ދުވަމުން ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.
އަބްދުއްރަހީމު އިނީ ދުފާ ތަބައް ހިފައިގެން ޕާޓި އޮފީހުގައި ޕާޓީގެ ލާރީގައި ސިނގިރޭޓާ ކެއުމާ އެއްޗެއްހި ހަމަ ޖައްސައިގެން. އަޅުގަޑޫ އުޅުނީ އޭރުވެސް ރައީސް ޔާމީން ސަލާމަތް ވޭތޯ ކޯޓުތަކު ތެރޭގައި އަޅުގަޑޫގެ ޓީމު ގޮވައިގެން. މިއަދު އަބްދުއްރަހީމުގެ ބަސް މަގުން ހާމަވީ ކަމަކީ ރައީސް ޔާމީނަށް ކުރީ ސަރުކާރުން ދެމުން އައި އަނިޔާ ތަކުރާރު ކުރަނީ ރައީސް މުއިއްޒުއާ އަބްދުއްރަހީމުގެ ރޭވިފައި ބޮޑު ޕްލޭންއެއްގެ ތެރެއިން ދެމީހުން ގުޅިގެން ކަން.
ޑރ. ޖަމީލު އިތުރަށް ވިދާޅުވީ، އަބުއްރަހީމު ދެއްކެވި ވާހަކަތަކުން އެނގިގެން ދިޔައީ ރައީސް ޔާމީނާ އާއިލާއަސް އަބްދުއްރަހީމުގެ ދުލުގެ ވިހަކަމުން ސަލާމަތްނުވެވޭނެކަން ކަމަށެވެ.