ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންއެފް އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާއަށް ފުލުހުން މެދުވެރިކޮށް ހުރަސް އެޅުވުމަށް ފަހު އެ މައްސަލަ ބަލާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނެޝަނަލް ޕްރަންޓް (ޕީއެންއެފް) އުފައްދާ ޖަލްސާ ރޭ ޣިޔާސުއްދީން ސްކޫލުގައި ބާއްވަން އުޅުނު ނަމަވެސް ފުލުހުން ނުކުމެ ވަނީ ހުރަސް އަޅާފައެވެ. އަދި އެތަނަށް ޖަލްސާގައި ބައިވެރިވާން ގޮސް ތިބި އާންމު މެމްބަރުންގެ ތެރެއަށް އެސްއޯ ރަޔަޓު ގިޔަރުގައި ފޮނުވާ ވަނީ ޕެޕަރ ސްޕްރޭ ޖަހާ ތަނުގެ މަސްލަހަތު ނަގާލާ ތަން ހަލަބިލި ކުުރުވާފައެވެ.
އެހެންކަމުން ފުލުހުން އަމަލުކުރި ގޮތާއި ރޭ ހިނގާ ދިޔަ ކަންކަމާއި ގުޅިގެން ސަރުކާރަށާ ފުލުހަށ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ހޯމު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ އިހުސާން ވަނީ އެކަން ބަލާނެ ކަމަށް ވިދާޅުވެ ޓްވީޓުކުރައްވާފައެވެ.
އެ ޓްވީޓުގައި ހޯމް މިނިސްޓަރު ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ސުލްހަވެރި އެއްވުންތަކާއި އަދި ރައްޔިތުން ކުރާ އިހްތިޖާޖުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އަދި އާއްމުކޮށް ރައްޔިތުންނާއި ގުޅޭކަންކަން ހައްލު ކުރުމަށް ފުލުހުން ހަރަކާތްތެރިވާއިރު ހާލަތާއި ނުބައްދަލު ބާރު ބޭނުން ނުކުރުމަށް އަންގަވާފައި ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އެސްއޯ ފުލުހުން ހާއްސަ ހާލަތްތަކުގައި ނޫނީ ބޭނުން ނުކުރެއްވުމަށް ވެސް އަންގަވާފައިވާ ކަމަށެވެ.
މީގެ އިތުުރުން ރޭ ޣިޔާޘުއްދީން ސްކޫލު ކައިރީގައި ފުލުހުން މަސައްކަތް ކުރި ގޮތް ބަލާ އަދި ބާރުގެ ބޭނުން ކުރުމާއި އެސް އޯ ފުލުހުން ބޭނުން ކުރަން ޖެހުނު ސަބަބު ރިވިއުކޮށް ބަލަން ފުލުހުންގެ ކަމިޝަނަރަށް ދަންނަވާފައިވާ ކަމަށްވެސް އިހުސާން ވިދާޅުވެފައިވެއެވެ..