ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ޓިކެޓު އިބްރާހިމް ސަނާހުއަށް ދިނުމަށްފަހު އެ ތާއީދު އަނބުރާ ރައީސް މުހައްމަދު މުއިއްޒު ގެނެސްފައިވަނީ، ސަނާހުއަކީ ރައީސް އަބްދުﷲ ޔާމީނަށް ވަފާތެރި މީހެއް ކަމަށް ރައީސް މުއިއްޒަށް ޝައްކުކުރެވޭތީކަން ޗެނަލް13އަށް ހާމަވެއްޖެއެވެ.
ރައީސް އޮފީހުގެ އޮފިޝަލަކު ނަން ހާމަނުކުރުމަށް އެދި ޗެނަލް13އަށް މައުލޫމާތު ދީފައިވާ ގޮތުގައި ސަނާހުއަކީ ރައީސް މުއިއްޒު ހޮވުމަށް ބުރަ މަސައްކަތްކުރި މީހެއް ނަމަވެސް އޭނާގެ ނަން އޮތީ ރައީސް މުއިއްޒުގެ މޭޒުކޮޅު މަތީގައި އޮންނަ ބްލެކު ލިސްޓެއްގައެވެ. އެއީ ސަންޓޯ ރައީސް ޔާމީނަށް ގުޅާ ކަންކަމާ މަޝްވަރާކޮށް ލަފާ ހޯދާތީ ކަމަށްވެސް އެ އޮފިޝަލް ވަނީ ޗެނަލް13އަށް މައުލޫމާތު ދީފައެވެ.
ސަނާހުއަށް ފާރަލުމަށްވެސް ބަޔަކު "ހަޔަރ" ކޮށްފައިވޭ. އެކަން ވަރަށް ރަގަޅަށް އެނގޭނެ މިނިސްޓަރު ރަމީޒުއަށް. ރަމީޒުއަށް މިބުނާ ލިސްޓުވެސް ފެންނާނެ. އަދި މިކަމުގެ އަޑީގައި ހުރީވެސް މިނިސްޓަރު ރަމީޒު.
އެ އޮފިޝަލް އިތުރަށް ހާމަކުރި ގޮތުގައި ސަނާހު ގުރުބާނަކަށް ހަދާ މިނިސްޓަރު ރަމިޒު މަސައްކަތްކުރައްވަނީ އަނބިކނަބަލުން ޝަމްނާޒު ސަލީމުއާ މެދު އަޅާފައި އޮތް ކޮންމެވެސް ފިޔަވަޅެއްގެ ދިފާއުގައެވެ.
މިކަމާ ގުޅިގެން މިނިސްޓަރު ރަމީޒަށް މެސެޖު ކޮށްލުމުން ޖަވާބެއް ލިބިފައިނުވެއެވެ.
ރައީސް ޔާމީނަށް ވަފާތެރި މީހަކަށް ސަންޓޯވާކަމަށް ޝައްކު ކުރެވޭތީ، ރައީސް މުއިއްޒު ސަނާހު ބާކީކޮށްލިއިރު ރައީސް މުއިއްޒަކީ ރައީސް ޔާމީންގެ ނަންފުޅާ ހުސް ގޮނޑިކޮޅު ދައްކައިގެން ވެރިކަމަށް އައި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.