ރައީސް މުއިއްޒު އިއްޔެ ވަނީ ލާމު އަތޮޅުގެ ރަށްތަކަށް ވަޑައިގެންފައި / ޕީޕީއެމް
ހަބަރު, ސިޔާސީ
ތެލި ސެޓު ބެހި ލާމުން ރައީސަށް މަރުހަބާ ކިޔަން މީހުން ނެރުނީ މަޖުބޫރުކޮށްގެން
Azhan Ibrahim
އަޒްހާން އިބްރާހިމް
12 އޭޕްރީލު 2024
މާލެ ސިޓީ

ނިމިގެންދިޔަ ރަމަޟާން މަހު ރިޝްވަތުގެ ގޮތުގައި ތެލި ސެޓުތަކެއް ބެހި ލާމު އަތޮޅުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މަރުހަބާ ކިޔަން މީހުން ނެރުނީ މަޖުބޫރު ކޮށްގެންކަމަށް ޗެނަލް 13 އަށް މައުލޫމާތު ލިބިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކައިރިވަމުން އަންނައިރު ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރައީސް މުއިއްޒުއަށް މުޅި ރާއްޖޭގައި ތާއީދު އޮތްކަމަށް ދެއްކުމަށެވެ. އެގޮތުން ސަރުކާރުގެ ނުފޫޒުގަދަ ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީން ނިސްބަތްވާ ރަށްރަށަށް ނޫނީ ރައީސް މުއިއްޒު ވަޑައިނުގަންނަވަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ލާމު އަތޮޅަކީ ރައީސް އޮފީހުގެ ސީނިއަރ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ނިސްބަތްވެވަޑައިގަންނަވާ އަތޮޅެވެ. އެއަތޮޅުގައި ހިމެނޭ ފޮނަދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް އަދުރޭ ގެންދަވަނީ ވާދަކުރައްވަމުންނެވެ.

ރަސްމީ ދަތުރުފުޅެއްކަމަށް ވިދާޅުވެ ދައުލަތުގެ ހަރަދުގައި މުއިއްޒު ލާމަށް ވަޑައިގެންނެވީ އަދުރޭ އަށާއި ލާމު އަތޮޅުގެ އެހެން ދާއިރާތަކަށް ވާދަކުރައްވާ ސަރުކާރު ކެނޑިޑޭޓުންނަށް ކެމްޕެއިން ކޮށްދިނުމަށެވެ. ޗެނަލް 13 މައުލޫމާތު ލިބިފައިވާ ގޮތުގައި ލާމު އަތޮޅުން މީހުން ނެރުނީ ގިނަ އަދަދެއްގެ ވަޒީފާތަކެއް ބަހައިގެންނެވެ. އަދި މަޖިލިސް އިންތިހާބަށްފަހު ސަރުކާރުގެ ވުޒާރާތަކުންނާއި ކުންފުނިތަކުން ވަޒީފާތައް ދޭނެ ކަމަށް ބުނެ ގިނަ ބަޔަކަށް ދޮގު ވައުދު ވެގެންވެސް ގިނަ ބަޔަކު ވަނީ ނެރެފަ އެވެ.

މީގެ އިތުރުން ބަދަލުގެ ގޮތުގައާއި، ރިޝްވަތުގެ ގޮތުގައި އަދި އެސްޑީއެފްސީ ލޯނުގެ ގޮތުގައި ފައިސާ ދޫކޮށްގެންވެސް އާއިލާތަކެއް ވަނީ ނެރެފައިކަމަށް މައުލޫމާތު ލިބެ އެވެ. ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ރައީސާއި ސަލާން ކުރަން ނެރުނީ ހާޒިރީ ބަލަހައްޓައިގެންނެވެ. އެއިން ކޮންމެ މުވައްޒަފަކު އާއިލީ މެމްބަރުންގެ ތެރެއިން އެންމެ މަދުވެގެން 5 މެމްބަރުން ސަލާން ކުރަން ސަފަށް ނެރުމަށްވެސް ސަރުކާރުން އެންގިކަމަށް މައުލޫމާތު ލިބެ އެވެ.

މިދިޔަ ރަމަޟާން މަހު އަދުރޭ ވަނީ ފޮނަދޫ ދާއިރާގެ ބައެއް ގެތަކަށް ތެލި ސެޓުތަކެއް ބަހައިފަ އެވެ. ބައެއް ފަރާތްތަކުން ވަނީ އެއީ ރިޝްވަތުކަމަށް ގަބޫލު ކުރެވޭތީ އެތަކެތި އަދުރޭއަށް އަނބުރާ ހަވާލުކޮށްފަ އެވެ. މިވާހަކަ ސޯޝަލް މީޑީއާގައިވެސް ބައެއް މީހުން ވަނީ ކިޔައިދީފަ އެވެ.

މުއިއްޒުގެ ސަރުކާރަށް ހަ މަހެއްހާ ދުވަސް ވެފައިވާއިރު ރައްޔިތުންގެ މަގުބޫލުކަން ވަނީ އިންތިހާއަށް ދަށަށް ގޮސްފަ އެވެ. ރައްޔިތުންގެ ކުރިމަތީގައި ފާޅުކަން ބޮޑު ގޮތެއްގައި އިތުރުފުޅު ހައްދަވަމުން ގެންދަވާތީ މުއިއްޒުއަށް އޮތް ތާއީދުވެސް ދަނީ ގެއްލެމުންނެވެ. ރައީސް މީޑިއާތަކާއި ބައްދަލު ނުކުރާތާވެސް މިހާރު މިވަނީ 3 މަހަށްވުރެއް ގިނަ ދުވަސް ވެފަ އެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved