ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ނުހައްގުު ޖަލު ހުކުމުން އެމަނިކުފާނު މިނިވަން ކުރުމާއި ދެކޮޅުމަކަށް ދޭހަވާފަދަ މޭރުމަކުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވާހަކަފުޅު ދައްކަވައިފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި އިންނަވާ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލައިގެ ހުކުމް އިއްވުން ލަސްވާ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފަ އެވެ. އަދި މިމައްސަލަ ވަރަށް ބޮޑަށް ލަސްވެފައިވާކަން ފާހަގަކުރައްވައި އެކަމުން ދޭހަވަނީ ސަރުކާރުން ޖުޑިޝަރީއަށް އަތް ބާނަމުންދާކަން ކަމުގައި އަސްލަމް ވިދާޅި އެވެ.
ރައީސް ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި ޝިޔާމް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަސްލަމް އަށް ރައްދު ދެއްވައިފަ އެވެ. އެގޮތުން ވިދާޅުވީ އަސްލަމް ހުންނެވީ "ފުއްގަނޑެއް" މޮޑޭހެން ޖޭއެސްސީ ހިސޯރުކޮށްގެން ކަމަށެވެ. އަދި އަސްލަމް ބޭނުންވަނީ ޖުޑިޝަރީއަށް ނުފޫޒު ފޯރުވަން ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ޝިޔާމް ވިދާޅުވީ ވެރިކަމުގައި އެމްޑީޕީން އޮތްހާ ދުވަހަކު ރައީސް ޔާމީން މިނިވަންވެވަޑައިނުގަންނަވާނެ ކަމަށެވެ. އެހެންނަމަވެސް އެކަމަށް މަސައްކަތް ކުރައްވަން އެމްޑީޕީގެ އިސް ބޭފުޅުން މިއަދު ގޮވައިލުމުން ޝިޔާމް މިވަނީ ދެކޮޅު ހައްދަވައި އެކަމާއި ނުރުހުން ފާޅު ކުރައްވައިފަ އެވެ.
ރައީސް ޔާމީން މިނިވަން ކުރުމާއި ގުޅޭ މައްސަލައިގައި ޝިޔާމްގެ އިތުރުންވެސް ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ ނުރުހުން ފާޅު ކުރައްވައިފަ އެވެ. އެގޮތުން ޕީއެންސީގެ ވެރިން ވަނީ ރައީސް ޔާމީން މިނިވަން ކުރުމާއި ދެކޮޅުކަމަށް ދޭހަވާފަދަ މޭރުކަމުން ވާހަކަފުޅު ދައްކަވައިފަ އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ރައީސް ޔާމީން މިނިވަން ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް ވެރިކަމަށް 6 މަސް ވެގެން ދިޔައިރުވެސް އެކަން ކުރައްވާފައެއް ނުވެ އެވެ. ބަދަލުގައި ގެންދަވަނީ ރައީސް ޔާމީންގެ ސިޔާސީ މަސައްކަތަށް ހުރަސް އަޅުއްވައި އެތައް ދުއްތުރާތަކެއް ކުރިމަތި ކުރައްވަމުންނެވެ.