March 10, 2026
Advertisement
ރައީސް އަދި ނައިބު ރައީސް އާއިއެކު މިނިސްޓަރު ޚަލީލް
ރައީސް އަދި ނައިބު ރައީސް އާއިއެކު މިނިސްޓަރު ޚަލީލް / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

މިނިވަން ކެނޑިޑޭޓުންނަށް ގުޅައި ސަރުކާރުން ބިރު ދައްކަނީ

Azhan Ibrahim
އަޒްހާން އިބްރާހިމް
Apr 14, 2024, 05:26 PM
މާލެ ސިޓީ

އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓުންނަށް ގުޅައި ސަރުކާރުން ބިރު ދައްކަމުން ދާކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

Advertisement

ޕީއެންއެފް ސެނެޓުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުވެސް ވަނީ މިކަން ހާމަކުރައްވައިފަ އެވެ. އެގޮތުން މަލީހު ވިދާޅުވީ ހެލްތު މިނިސްޓަރު ގެންދަވަނީ މިނިވަން ކެނޑިޑޭޓުންނަށް ގުޅައި ރިޝްވަތު ހުށަހަޅަމުން ކަމަށެވެ. އަދި ސަރުކާރުން ވަޒީފާ ދޭނެ ކަމަށާއި އެ ކެނޑިޑޭޓުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެނޑިޑޭޓުންނަށް ތާއީދު ކުރުމަށްވެސް މަޖުބޫރު ކުރަމުން ގެންދާކަމަށް މަލީހު ވިދާޅުވި އެވެ.

މަލީހު ވަނީ މައްސަލައިގައި ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނަށްވެސް ގޮވާލައިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަމިއްލަ ކެނޑިޑޭޓުންނަށް ބިރުދެއްކުމަށް ސަރުކާރުގެ ފަރާތުން ގުޅަމުން ގެންދަވަނީ ހެލްތު މިނިސްޓަރު ޑރ. އަބްދުއްﷲ ޚަލީލެވެ. އެގޮތުން ބޮޑު ތާއީދެއް އޮތް މިނިވަން ކެނޑިޑޭޓުންނަށް އެކި ހުށަހެޅުންތައް މިނިސްޓަރު ޚަލީލު ހުށަހަޅުއްވަމުން ގެންދަވާކަން ވަނީ އެނގިފަ އެވެ.

ސަރުކާރު ކެނޑިޑޭޓުންނަށް ތާއީދު އޮތީ ވަރަށް މަދު ދާއިރާއެއްގަ އެވެ. ތާއީދު އިތުރު ކުރުމަށް ރައީސް މުއިއްޒު ގެންދަވަނީ ގިނަ އަދަދެއްގެ ފައިސާ ބަހަން ތައްޔާރުވަމުންނެވެ. އެގޮތުން މިހަފްތާގެ ތެރޭގައި ބައެއް ދާއިރާތަކުގެ ވިޔަފާރިވެރިންނަށް ބޮޑެތި އަދަދުތަކުން ފައިސާ ބަހައި އެމީހުންގެ ނުފޫޒުގެ ބޭނުން ކުރަން ތައްޔާރުވަމުން ދާކަމަށްވެސް ޗެނަލް 13 އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މިހާތަނަށް އައިއިރުވެސް ބައެއް މިނިވަން ކެނޑިޑޭޓުން ވަނީ އެމީހުންގެ ތާއީދު ރައީސް މުއިއްޒުގެ ކެނޑިޑޭޓުންނަށް އޮތްކަން ހާމަކޮށްފަ އެވެ. އަދި އެފަރާތްތަކަށް ވަނީ ސްޓޭޓް މިނިސްޓަރާއި، ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މަގާމުތައް ދީފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved