ދައްތަގެ ވާހަކަ ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދީނީ މީހަކަށް ވާތީ ދުވަހަކުވެސް އިތުރުފުޅު ހައްދަވާނެކަމަށް ހީވެސް ނުކުރާކަމަށް ބުނަމުންނެވެ. މި ކިޔައިދެނީ ގއ. ވިލިނގިލީ ތަރިވިދާގެ އައިމިނަތު އަލީގެ ވާހަކަ އެވެ. އެންމެ ފުރަތަމަ އަޅައިގަތީ ދައްތަގެ ގޭގެ ފާރުގައި ބޮޑު އަކުރުން ފަވާލާފައިވާ ލިޔުމެވެ. ފިޔާތޮށި ކުލައިން "މުއިއްޒު ސެމްބެ 2023" ޖަހާފައިވުމުން ދައްތަ ދައްކަން މިއުޅޭ ވާހަކައަށް ބާރު ލިބެ އެވެ.
"ގޯސް ވެރިކަމެއް. ވަރަށް މަކަރުވެރި ވެރިކަމެއް" ދައްތަ ވަރަށް އަސަރާއިއެކު ކިޔައިދިނެވެ.
ދައްތަ ކިޔައިދިން ގޮތުގައި މިވެރިކަން ގެންނަން ވަރަށް ބުރަކޮށް މަސައްކަތް އޭނާ މަސައްކަތް ކުރި އެވެ. އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވީއިރު ކޮންމެ ރެޔަކު ދަންވަރު 1 ޖަހާއިރުވެސް ދައްތަ ހުންނަނީ މަގުމަތީގައި ކަމަށް އޭނާ ބުންޏެވެ. ޑރ. މުއިއްޒުއަށް ތާއީދު ކުރީ ކީއްވެތޯ އެހުމުން އޭނާ ބުނީ އެއީ ރައީސް ޔާމީންގެ ސަޕޯޓަރަކަށް ވާތީ ކަމަށެވެ. މުއިއްޒު ކެމްޕެއިނުގައި ވަޑައިގެން ހޮވިވަޑައިގެންފިނަމަ ހުވާ ކުރައްވާ ދުވަހު ރައީސް ޔާމީން ހުންނަވާނެ ކަމަށާއި ދައްތަމެން ކައިރިއަށް އެމަނިކުފާނު ގެންނަވާނެކަމަށް ވިދާޅުވި ކަމަށްވެސް ދައްތަ ބުންޏެވެ.
"އެހެން ބުނެގެން މަސައްކަތް ކުރީ. އެހެން ނޫންނަމަކާ ދައްތަ މަސައްކަތެއް ނުކުރާނަން. ތެދަށް މި ބުނީ. މިހާރު މުއިއްޒުއަކަށް ތާއީދެއް ނުކުރަން.
ދައްތަ ބުނީ އަންނަ މަޖިލިސް އިންތިހާބުގައި އޭނާއާއި އޭނާގެ އާއިލާގެ އެއްވެސް މީހެއްގެ ވޯޓުވެސް މުއިއްޒުއަށް ނުލިބޭނެ ކަމަށެވެ. ރައީސް މުއިއްޒު އިތުރުފުޅު ހައްދަވައި މަކަރު ހެއްދެވުމުން މިހާރު ހުންނެވީ އިތުބާރު ގެއްލިފައިކަމަށް ދައްތަ ބުންޏެވެ. ދައްތަގެ މުޅި ހަޔާތުގައިވެސް އެވަރަށް އިތުރުފުޅު ހެއްދެވި މީހަކު ނުފެންނަކަމަށްވެސް ބުންޏެވެ.
"އަބްދުއްރަހީމު މެން، ޝިޔާމުމެން އެޕާޓީގެ ހުރިހާ މީހުން. ގައްސާނުމެން. ދައްތަ ކައިރީގަ އޭނަ ބުނީ ކީކޭ. ދައްތައޭ، ދައްތަމެންނޭ މީތި ހޯދާނީ. މަސައްކަތް ކުރާނީ ފިރިހެނުން ނޫނޭ، އަންހެނުންނޭ"
އަސަރާއިއެކު ދައްތަ ބުނީ ހައެއްކަ އަންހެނުން ކުރި ބުރަ މަސައްކަތުން ވިލިނގިލިން ދެފަހަރުވެސް ރައީސް މުއިއްޒުއަށް މެޖޯރިޓީ ހޯދައިދިން ކަމަށެވެ. ރައީސް ޔާމީންގެ ފޮޓޯ ހިއްޕަވައިގެން ހުސް ގޮނޑި ހިފައިގެން ރައްޔިތުން ކައިރިއަށް ވަޑައިގެން އިންތިހާބު ވީމައި މިހާރު އެމަނިކުފާނަށް މުއިއްޒު ދެމުން ގެންދަވަނީ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ދައްތަ ބުންޏެވެ.