ދިވެހިރާއްޖޭގެ ކުރިއެރުމަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދެއްވި، ރައީސް ޢަބްދުﷲ ޔާމީން އަކީ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި އެންމެ ގިނައިން އަޑު އިވުނު ނަމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ޕީ.އެން.ސީގެ ޓިކެޓުގައި ވާދަކުރެއްވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ކެމްޕޭނުގައި އެންމެ ބޮޑަށް ބޭނުންކުރެއްވީ އެމަނިކުފާނުގެ ނަންފުޅެވެ.
ކެމްޕޭން ހަރަކާތްތަކުގައި އާއި، ކެމްޕޭން ޕޯސްޓަރުތަކުގައި ރިޔާސީ ކެންޑިޑޭޓުގެ ފޮޓޯއަށްވުރެ މާބޮޑުކޮށް ފެންނަން ހުރީވެސް އެމަނިކުފާނުގެ ފޮޓޯފުޅެވެ.
ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ކުރައްވާނެ ކަމަކަށް ވިދާޅުވީވެސް ޤާނޫނީ ހަމަތަކުގެ ތެރެއިން އެމަނިކުފާނު މިނިވަން ކުރުން ކަމަށް ވިދާޅުވެ އެކަމަށް ރައްޔިތުންނަށް ވަޢުދުވެވަޑައިގެންނެވިއެވެ. ނަމަވެސް ވެރިކަމަށް 05 މަސް ވެގެންދާއިރުވެސް ރައީސް ޔާމީން އަދިވެސް ހުންނެވީ ކްރިމިނިލް ކޯޓުން އިއްވާފައިވާ ނުހައްގު ޙުކުމް ތަންފީޛު ކުރުމުގައިއެވެ.
މިކަމާއި ގުޅިގެން ރައީސް ޔާމީނަށް ތާޢީދުކުރާ ފަރާތްތަކުންނާއި އެމަނިކުފާނުގެ އިރުޝާދުގެ ދަށުން އުފައްދާފައިވާ ޕީ.އެން.އެފްގެ މެމްބަރުން ދަނީ ކެނޑިނޭޅި ރައީސް ޔާމީން މިނިވަން ކުރުމަށް ގިނަގުނަ މަސައްކަތްތައް ކުރައްވަމުންނެވެ.
މީސް މީޑިއާގެ އެކި މަންސަތަކުގައި ގިނަ ފަރާތްތަކެއް ރައީސް ޔާމީންގެ މައްސަލައިގައި ރައީސް މުޢިއްޒުގެ މަކަރުވެރިކަމާއި އޮޅުވާލުމުގެ ވާހަކަ ދައްކަމުންދެއެވެ.
މިގޮތުން ޕީ.އެން.އެފްގެ ވަގުތީ ސެނެޓު މެމްބަރު އަދި ރައީސް ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަޙްމަދު ވަނީ ރައީސަކީ އިތުބާރު ނެތް ވަޢުދުތައް ނުފުއްދޭ ފަރާތެއްގެ ގޮތުގައި ސިފަކޮށް އެކްސްގައި ޕޯސްޓްކުރައްވާފައެވެ.
މުއިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ރައީސް ޔާމީން މިހާރު މިނިވަންވެއްޖެތޯ އާއި މުއިއްޒު ހުވާ ކުރަން ދިޔައީ އެމަނިކުފާނު އަތުގައި ހިތްޕަވައިގެންތޯ އައްސަވާ ޑރ. ޖަމީލު ސުވާލުކުރައްވާފައިވެއެވެ. މިފަދަ ވެރިއެއް އިތުރަށް ދައްކާ އެއްވެސް ވާހަކައެއް ޤަބޫލުކުރުމަކީ ރައްޔިތުން ކުރާނެ މޮޔަ ކަމެއް ކަމެއްގެ ގޮތުގައި ޑރ. ޖަމީލުގެ ޕޯސްޓުގައި ސިފަކުރައްވާފައިވެއެވެ
މަޖިލިސް އިންތިޚާބާއި ދިމާކޮށް މި މައްސަލައާއި ގުޅިގެން އެކި ފަރާތްތަކުން ރައީސް މުޢިއްޒުއަށް ނުރުހުން ފާޅުކޮށް، މުޢިއްޒުގެ މަކަރުވެރިކަން ދަނީ ހާމަކުރަމުންނެވެ.
ކޮންމެ ގޮތެއްވިޔަސް ރައީސް ޔާމީން މިނިވަންކުރުމަކީ ރިޔާސީ ވަޢުދަކަށްވާއިރު، ހުރިހާ ރައްޔިތުންގެ ސުވާލަކީ މުޢިއްޒު އެ ވިދާޅުވާ ޝަރުޢީ ނިޒާމު މިނިވަންވާނެތޯއެވެ؟ ނުވަތަ ރައީސް ޔާމީނަށް އިންސާފު ލިބިވަޑައިގަންނަވާނީ ކޮންދުވަހަކުތޯއެވެ؟.