ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ހިއްސާކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި މުއްދަތު ފަހަނައަޅައި ދިޔައިރުވެސް އެ މައުލޫމާތު ސިއްރުކޮށްފައި ބާއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރާއްޖޭގައި ހިންގާ އޮންލައިން ނޫހަކުން ސިޔާސީ މަގާމުތަކުގެ ތަފްސީލު ހޯދުމަށް އެދި ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު 17 ގަ އެވެ. ޖެހިގެން އައި ދުވަހު ރައީސް އޮފީހުން އެ ހުށަހެޅުން ބަލައިގެންފައި ވެއެވެ. މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގައި ވާގޮތުން މިފަދަ މައުލޫމާތުތައް 21 ދުވަހުގެ ތެރޭގައި ފޯރުކޮށްދޭން ޖެހެ އެވެ. އެމުއްދަތުގައި މައުލޫމާތު ނުދެވޭނަމަ 14 ދުވަސް އިތުރު ކުރެވެ އެވެ.
މި ދެ މުއްދަތު ފަހަނަ އަޅައި ދިޔުމުންވެސް ސަރުކާރުން ސިޔާސީ މަގާމުތަކުގެ ތަފްސީލު ހާމައެއް ނުކުރެ އެވެ. އޭގެ ފަހުން މިމައުލޫމާތު ހޯދުމަށް އައިކޮމްއަށް ހުށަހެޅި އެވެ. އައިކޮމްއިން މައްސަލަ ކުރިއަށް ގެންދިޔުމަށް މިއަހަރުގެ ޖެނުއަރީ އަދި ފެބުރުއަރީ މަހުގެ ތެރޭގައި މަސައްކަތް ކުރިނަމަވެސް މިއިން އެއްވެސް އަޑުއެހުމަކަށް ރައީސް އޮފީހުން ހާޒިރުވެފައެއް ނުވެ އެވެ. އެންމެ ފަހުން މިދިޔަ މަހުގެ 30 ގައި އައިކޮމްއިން މައްސަލަ ނިންމީ ރައީސް އޮފީހުގެ ގައިރު ހާޒިރުގަ އެވެ.
ސިޔާސީ މަގާމުތަކުގެ އަދަދާއި މަގާމުތަކަށް ކަނޑައެޅިފައިވާ މުސާރައިގެ ތަފްސީލަކީ ސިއްރުކޮށްފައި ހިފެހެއްޓޭނެ މައުލޫމާތުތަކެއް ނޫންކަން އައިކޮމްއިން ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން ރަސްމީ ބަންދު ނޫން ތިން ދުވަސް ފާއިތުވުމުގެ ކުރިން ރައީސް އޮފީހުން މިމައުލޫމާތު ހާމަކުރަން އައިކޮމްއިން ވަނީ އަންގައިފަ އެވެ.
އީދު ބަންދަށްފަހު މިދިޔަ އަންގާރަ ދުވަހަށް ރައީސް އޮފީހަށް ދިން މުއްދަތު ވަނީ ހަމަވެފަ އެވެ. އެހެންނަމަވެސް އެމައުލޫމާތު ނުލިބޭކަމަށް ބުނެ ރައީސް އޮފީހުން އަދިވެސް މައުލޫމާތު އާންމެއް ނުކުރެ އެވެ.
ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވަނީ 700 ސިޔާސީ މަގާމަށްވުރެއް އިތުރަށް މިސަރުކާރުން އެއްވެސް ސިޔާސީ މަގާމެއް ނުއުފައްދާނެ ކަމަށެވެ. އެހެންނަމަވެސް ޗެނަލް 13 އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރުވެސް ސަރުކާރުގައި ހާހަކާއި ގާތްކުރާ އަދަދަކަށް ސިޔާސީ މުވައްޒަފުން އެބަ ތިއްބެވެ. އޭގެ ތެރޭގައި ޑެޕިއުޓީ މިނިސްޓަރުންނާއި، ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނެ އެވެ. މީގެ އިތުރުން މަޖިލިސް އިންތިހާބާއި ދިމާކޮށް ޕީއެންސީ ކެނޑިޑޭޓުންގެ ސަޕޯޓަރުންނަށް ވަޒީފާ ދިނުމަށް ދާދި ފަހުން ވަނީ އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ނަމުގައިވެސް މަގާމެއް އުފައްދައިފަ އެވެ.