މިއަދު ކުރިއަށް ދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓު ލުމުގައި، 11 ޖެހުމާއި ހަމައަށް 70،000 އަށްވުރެއް ގިނަ މީހުން ވޯޓު ލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ހެނދުނު 8:00 ގައި ވޯޓުލުން ފެށުމާއިއެކު ތިން ގަޑިއިރުގެ ތެރޭގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 25 އިންސައްތަ މީހުން ވަނީ ވޯޓު ލައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 29،762 އަންހެނުންނާއި 41،187 ފިރިހެނުންނެވެ.
މިއަދު ކުރިއަށް ދަނީ 20 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބު ކުރުމުގެ ވޯޓުލުމެވެ. ވޯޓުލުން ކުރިއަށް ދާނީ ހަވީރު 5:30 އާއި ހަމައަށެވެ. އެވަގުތާއި ހަމައަށް ކިޔުގައި ތިބޭ ފަރާތްތަކަށް ވޯޓު ލުމުގެ ފުރުސަތު ދިނުމަށްފަހު ވޯޓުލުން ނިންމައިލާނެ އެވެ.
ފެހި ގާނޫނު އަސާސިގެ ފަހުން 2009 ގައި ބޭއްވި އިންތިހާބުގައި ޓާންއައުޓް ހުރީ 78 ޕަސެންޓުގަ އެވެ. 2014 ގައި ވެސް 78 ޕަސެންޓުގައި ހުރިއިރު 2019 ގައި އެ އަދަދު 81 ޕަސެންޓަށް އިތުރުވި އެވެ.
މިފަހަރުގެ އިންތިހާބުގައި ކުރީ އިންތިހާބަށްވުރެއް ގިނަ މީހުން ވޯޓު ލާނެކަމަށް ބެލެވެ އެވެ. އަންދާޒާ ކުރެވޭ ގޮތުގައި ގާތްގަނޑަކަށް 80 އިންސައްތަ މީހުން ވޯޓުލާން ނިކުންނާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ގޮނޑިއަށް މީހުން އިންތިހާބު ކުރާނެ އެވެ. މި އިންތިހާބުގައި 369 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އަދި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ އާބާދީއަކީ 284،663 އެވެ.