އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓު ގަތުމުގެ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށާއި އެކަމަށް އެޑްރެސް ކުރަން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފި އެވެ.
20 ވަނަ ރައްޔިތުންގެ މަޖިލިސް އެކުލަވައިލަން ބޭއްވި އިންތިހާބުގައި އޮބްޒާވަރެއްގެ ގޮތުގައި ހަރަކާތްތެރިވި ޓްރާންސްޕޭރެންސީން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނީ ސިޔާސީ ކަންކަމަށް ފައިސާ ހޯދުމާއި ހަރަދު ކުރުމުގައި ދެފުށް ފެންނަ އުސޫލުތަކެއް ނެތްކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ވޯޓު ގަތުމުގެ މައްސަލަތައް މިފަހަރު ފާހަގަވެފައިވާތީ މި ދެމައްސަލައަށް އެޑްރެސްކުރަން ހުރިހާ ފަރާތްތަކަށްވެސް ގޮވައިލާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
މީގެ އިތުރުން އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން މުޅިން އަލަށް މަޝްރޫއުތައް ފެށުމާއި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރަމުން ދިޔަތަންވެސް ކެމްޕެއިން ކުރުމުގެ މުއްދަތުގެ ތެރޭގައި ފެނުނުކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ. އެޖަމިއްޔާއިން މިކަން ފާހަގަކުރިއިރު އިއްޔެ އިންތިހާބު ކުރިއަށް ދަނިކޮށްވެސް ރައީސް މުއިއްޒު ވަނީ ދެ ރަށެއްގެ އިހުތިސާސް ބޮޑުކުރަން ގަރާރެއް ނެރުއްވައިފަ އެވެ.
މީގެ އިތުރުން އެސްއޯއީތަކާއި ދައުލަތުގެ ވުޒާރާތަކުން، އިންތިހާބަށް 48 ގަޑިއިރަށް ވެފައިވަނިކޮށް އިއުލާނު ކުރި ބޮޑެތި މަޝްރޫއުތަށް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން 680 މިލިއަން ރުފިޔާގެ ހަ ތަރައްގީގެ މަޝްރޫއު އެ މުއްދަތުގައި ހަވާލުކުރިކަން ޖަމިއްޔާއިން ވަނީ ފާހަގަކޮށްފަ އެވެ.
ޓްރާންސްޕޭރެންސީން ބުނި ގޮތުގައި މަޖިލިސް އިންތިހާބުގެ އިދާރީ އިންތިޒާމުތައް ޖުމްލަކޮށް ރަނގަޅެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއަށް 68 ގޮނޑި ވަނީ ކަށަވަރު ވެފަ އެވެ. ހުރިހާ ފޮށިތަކެއް ގުނައި ވަގުތީ ނަތީޖާ އިއުލާން ކުރާއިރު އެޕާޓީއަށް 70 ގޮނޑި ކާމިޔާބު ވެދާނެކަމަށް އޮތީ ބެލެވިފަ އެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޖުމްލަ 93 މެމްބަރުން ތިއްބަވާނެ އެވެ.