
ނޫސްވެރިންނަށް އަމާޒުކޮށް ޖިނާއީ ގާނޫނުތައް ބޭނުންކުރުން ހުއްޓާލުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ސަރުކާރަށް ގޮވާލައިފިއެވެ.
ޓްރާންސްޕޭރެންސީއިން މިފަދައިން ގޮވާލާފައިވަނީ، އޮން އެއާރ ކުރި ޑޮކިއުމެންޓްރީއާ ގުޅިގެން "އަދަދު" ނޫހުގެ އޮފީސް ފުލުހުން ބަލާފާސްކޮށްފައިވާތީ އެކަމާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.
އެ ބަޔާނުގައި ޓްރާންސްޕޭރެންސީއިން ބުނެފައިވާ ގޮތުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މައްޗަށް މިހާރު އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދަންޖެހޭ ކަމަށާއި، މަދަނީ އުސޫލުތަކުން ހައްލުކުރެވެން ހުރި މައްސަލަތަކުގައި ޖިނާއީ އިޖުރާއާތްތައް ބޭނުންކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.
ގާނޫނުއަސާސީގެ 28 ވަނަ މާއްދާއާ ހަވާލާދީ އެ ޖަމްއިއްޔާއިން ފާހަގަކުރީ، އެއްވެސް ނޫސްވެރިއަކަށް އެމީހެއްގެ މައުލޫމާތުގެ މަސްދަރު ހާމަކުރުމަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.
އެހެން އެކަން އޮއްވާ "އަދަދު" ނޫހުގެ ނޫސްވެރިން ގެންގުޅޭ އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ސަބަބުން، މަސްދަރުތަކުގެ ސިއްރުކަން ގެއްލުމުގެ ބިރު އިންތިހާއަށް އެބައޮތް ކަން ފާހަގަކުރައްވާ ޓްރާންްސޕޭރެންސީއިން ބުނެފައިވަނީ، މީޑިއާ ރެގިއުލޭޓް ކުރުމުގެ އަސްލު ބޭނުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ކުރިއެރުވުން ކަމަށްވާއިރު، ކަނޑައެޅިފައިވާ މަދަނީ އުސޫލުތަކުން ބޭރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން، ހިފަހައްޓާފައިވާ ނޫސްވެރިކަމުގެ ހުރިހާ އާލާތްތަކެއް ވަގުތުން ދޫކޮށްލުމަށާއި، އޮފީސް ބަލާފާސްކުރުމުގައި އަމަލުކޮށްފައިވާ ގޮތުގެ ގާނޫނީ ސައްހަކަން ކަށަވަރުކުރުމަށް ޓްރާންސްޕޭރަންސީ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ފަހަކަށް އައިސް ރާއްޖޭގައި ނޫސްވެރިކަމާއި، ޚިޔާލު ފާޅުކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ ކަންކަން ތަކުރާރުވަމުންދާތީ އެ ޖަމްއިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.










