20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓު ހޯއްދެވުމަށް ޕްރައިމަރީގައި ވާދަކުރައްވައި ނާކާމިޔާބުވި ދެ ބޭފުޅަކު ގާޒީންގެ ގޮތުގައި ހަމަޖައްސައިފި އެވެ.
ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރެއްވީ ކްރިމިނަލް ކޯޓަށް އައްޔަން ކުރެއްވި އަހްމަދު ޝާފިއު އާއި ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް ހަމަޖެއްސެވި މުހައްމަދު ނިޝާތު އެވެ.
ޝާފިއުއަކީ ޕީއެންސީގެ ތ. ގުރައިދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރެއްވި ބޭފުޅެކެވެ. އޭނާ ނާކާމިޔާބުވީ އެ ދާއިރާގެ މެންބަރަކަށް މިހާރު ހުންނެވި ހަނާން މުހައްމަދު ރަޝީދު (ހަންޓޭ) އާ ވާދަކޮށްގެންނެވެ.
ޕްރައިމަރީގައި ވާދަކުރެއްވުމުގެ ކުރިން އެ ޕާޓީއަށް މެންބަރުން ވެއްދުމަށް ވެސް ޝާފިއު މަސައްކަތް ކުރެއްވި އެވެ. އަދި އޭރު އެ ޕާޓީއަށް ސޮއިކުރި ގިނަ އަދަދެއްގެ މެންބަރުންގެ ފޯމުތައް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ހަވާލުކުރީ ވެސް އޭނާ އެވެ.
ނިމިދިޔަ ބާ ކައުންސިލް އިންތިހާބުގައި އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް ޝާފިއު އިންތިހާބުވެފައިވެ އެވެ.
ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް ހަމަޖެއްސެވި ނަޝާތަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ޕްރައިމަރީގައި ގެމަނަފުށީ ދާއިރާއަށް ވާދަކުރެއްވި މީހެކެވެ. ޕްރައިމަރީގައި އޭނާއާ ވާދަކޮށް ޓިކެޓު ހޯދައި، އިންތިހާބު ވެސް ކާމިޔާބު ކުރެއްވީ އެ ދާއިރާގެ މިހާރުގެ މެންބަރު އަސަދުﷲ ޝިހާބު އެވެ.
ޕީއެންސީ އެކްޓިވިސްޓުން ފަނޑިޔާރު ގެތަކަށް ހަމަޖައްސަަވަމުން ދާތީ އެނގިގެންދަނީ ރައީސް މުހައްމަދު މުއިއްޒުގެ ޕީއެންސީ ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ މިންވަރެވެ.