theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ދެ އިންތިޚާބު އެއްކޮށްލައިން ކުޅެން އުޅެނީ އަކުން ބަކުން؟ / ތޭރަގްރެފިކްސް
ރިޕޯޓު
ދެ އިންތިޚާބު އެއްކޮށްލައިން ކުޅެން އުޅެނީ އަކުން ބަކުން؟
Yana Shareef
ޔާނާ ޝަރީފް
08 ޖެނުއަރީ 2026

ދިވެހިރާއްޖޭގެ ސިޔާސީ މަޞްރަޙުގައި މިހާރު އެންމެ ބޮޑަށް ބަހުސް ކުރެވެމުންދާ އެއް މައުޟޫއަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމުގެ ވާހަކައެވެ.

މިއީ ޚަރަދު ކުޑަކުރުމުގެ ނަމުގައި ދައްކާ ދަޅައަކަށް ވީ ނަމަވެސް، މީގެ ސަބަބުން ނިކުމެދާނެ ނޭދެވޭ ނަތީޖާތަކާއި ރައްޔިތުންނަށް ލިބޭނެ ގެއްލުންތަކަކީ އިންތިހާއަށް ބޮޑު ކަންތައްތަކެކެވެ. މިއީ ހަމައެކަނި އިދާރީ ބަދަލެއް ނޫނެވެ. މިއީ ރައްޔިތުންގެ ބާރުވެރިކަމާއި، ޑިމޮކްރެޓިކް ނިޒާމަށް އަތްބޭނުމުގެ މަގުސަދުގައި ކުރާކަމެެއް ކަމަށް ގާނޫނި މާހިރުން ދަނީ ބުނަމުންނެވެ.

ދެ އިންތިޚާބު އެއްކޮށްލުމުން ލިބޭނެ އެންމެ ބޮޑު އެއް ގެއްލުމަކީ ރައްޔިތުންނަށް ލިބިފައިވާ "ޗެކް އެންޑް ބެލެންސް" ނުވަތަ ފާރަވެރިވުމުގެ ބާރު ކެނޑިގެން ދިއުމެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބައްޓަން ކުރެވިފައިވަނީ ތިން ބާރު ވަކިވެފައިވާ ގޮތަށެވެ.

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ދެ ދުވަހެއްގައި ބޭއްވުމުގެ މަޤްޞަދަކީ، ސަރުކާރު ޖަވާބުދާރީކުރުވުމަށްޓަކައި ރައްޔިތުންނަށް ދެވަނަ ފުރުޞަތެއް ދިނުމެވެ. ނަމަވެސް، ދެ އިންތިޚާބު އެއްކޮށްލުމުން، އެއް ޕާޓީއަކަށް ނުވަތަ އެއް ފިކުރަކަށް މުޅި ދައުލަތުގެ ހުރިހާ ބާރެއް ޖަމާވުމުގެ ފުރުޞަތު އިންތިހާއަށް ބޮޑުވެގެންދެއެވެ. މިއީ ދިމިޤްރާޠީ ނިޒާމެއްގައި ރައްޔިތުންގެ ބާރު ކަނޑުވާލުމަށް އެޅޭ ނުރައްކާތެރި ފިޔަވަޅެކެވެ.

ރިޔާސީ އިންތިޚާބަކީ މުޅި ޤައުމުގެ ސިޔާސަތުތަކަށް ވޯޓުލާ އިންތިޚާބެކެވެ. މަޖިލިސް އިންތިޚާބަކީ އެ ދާއިރާއެއްގެ ތަރައްޤީއާއި ރައްޔިތުންގެ އަޑު އުފުލާނެ މީހަކު ހޮވުމަށް ބާއްވާ އިންތިޚާބެކެވެ. މި ދެ އިންތިޚާބު އެއްކޮށްލުމުން، ރައްޔިތުންގެ ސަމާލުކަން ބައިބައިވެ، ކެންޑިޑޭޓުންގެ ފެންވަރަށްވުރެ ބޮޑަށް ޕާޓީގެ "ރާޅަށް" ބަލައިގެން ވޯޓުލުމުގެ ފުރުޞަތު ބޮޑުވެއެވެ. މީގެ ސަބަބުން ދާއިރާއަށް އެންމެ ޤާބިލު މީހާ ހޮވުމުގެ ބަދަލުގައި، ރިޔާސީ ކެންޑިޑޭޓުގެ ފަހަތުން މީހުން ހޮވިގެން ދިއުމަކީ މަޖިލީހުގެ ފެންވަރު ދަށްވެ، ރައްޔިތުންނަށް އޭގެ ގެއްލުން ކުރާނެ ކަމެކެވެ.

ދެ އިންތިޚާބު އެއްކޮށްލުމުން އިދާރީ އަދި ފަންނީ ގޮންޖެހުންތައެް ވެސް ބައިވަރެވެ. އެގޮތުން ދެ އިންތިޚާބު އެއްކޮށްލުމަކީ އިލެކްޝަންސް ކޮމިޝަނަށްވެސް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ. ވޯޓުލާ މަރުކަޒުތަކުގައި ކިއޫތައް ދިގުވެ، ވޯޓު ގުނުމުގެ މަރުޙަލާ އޮޅުންބޮޅުންވެ، ނަތީޖާ އިޢުލާންކުރުން ލަސްވުމަކީ ސިޔާސީ ހަލަބޮލިކަމަށް މަގުފަހިވާނެ ކަމެކެވެ. އަދި ވޯޓު ކަރުދާސްތައް ގިނަވުމުގެ ސަބަބުން އޮޅުމަކުން ވޯޓު ބާޠިލުވުމުގެ ފުރުޞަތުވެސް ބޮޑެވެ. މިއީ ރައްޔިތުންގެ ވޯޓުގެ ޙައްޤަށް އުނިކަން އަންނާނެ ކަމެކެވެ.

މީގެއިތުރުން ސަރުކާރުން ބުނަމުންދަނީ މިއީ ޚަރަދު ކުޑަކުރުމަށް ކުރާ ކަމެއް ކަމަށެވެ. ނަމަވެސް، ޤައުމެއްގެ ދިމިޤްރާޠީ ނިޒާމާއި ރައްޔިތުންގެ ބާރުވެރިކަމަށްވުރެ ފައިސާގެ އަގު ބޮޑެއް ނުވާނެއެވެ. މަދު ފައިސާކޮޅެއް ސަލާމަތްކުރުމަށްޓަކައި މުޅި ނިޒާމު ގަޑުބަޑުކޮށްލުމަކީ، މުސްތަޤްބަލުގައި އޭގެ ސަބަބުން ލިބޭނެ އިޖުތިމާޢީ އަދި ސިޔާސީ ގެއްލުން މާ ބޮޑުވާނެ ކަމެކެވެ. ޚަރަދުކުޑަކުރަން ޖެހޭކަންކަމުގައި އެކަން ނުކޮށް ރައްޔިތުންނަށް ގެއްލުން ވާނެކަމެއްގައި ހަރަދު ކުޑަކުރުމޭ ކިޔައިން ވެސް މިވެރިން ހަދަނީ ބޮޑެތި ދޮގެވެ.

ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް، ސިޔާސީ ގޮތުން ބާރުވެރިކަން ހޯދުމަށް ކުޅޭ ކުޅިވަރެކެވެ. މީގެ ސަބަބުން ރައްޔިތުންގެ ބާރު ކެނޑި، މަޖިލީހަކީ ސަރުކާރުގެ ރަބަރު ސްޓޭމްޕަކަށް ވެގެންދިއުމުގެ ބިރު އެބައޮތެވެ. އެހެންކަމުން، ރައްޔިތުންގެ ޙައްޤުތަކާއި ޤައުމުގެ ހަމަޖެހުމަށްޓަކައި، މިފަދަ ނުރައްކާތެރި ބަދަލުތަކާ މެދު ފުންކޮށް ވިސްނަންޖެހެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved