20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށްޓަކައި ކުރިއަށް ގެންދިޔަ އިންތިހާބަށް ނުފޫޒު ފޯރާފަދަ ކަންތައްތަކެއް ސަރުކާރުން ކޮށްފައިވާކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ތުހުމަތުކޮށްފިއެވެ.
އެ ޖަމިއްޔާ އިން ވަނީ އާދިއްތަ ދުވަހުގެ ރޭ ބަޔާނެއް ނެރެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ބަޔާނުގައި ބުނެފައި ބުނީ އިންތިހާބުގެ އިދާރީ އިންތިޒާމުތައް ރަނގަޅު ނަމަވެސް ކެމްޕެއިން ދުވަސްވަރު ވޯޓަށް ނުފޫޒު ފޯރާނެ ފަދަ އެތައް ކަމެއް ސަރުކާރުންކޮށްފައިވާކަމަށެވެ.
އެގޮތުން އެސްއޯއީތަކާއި ދައުލަތުގެ ވުޒާރާތަކުން މިދިޔަ 48 ގަޑިއިރު ތެރޭގައި އިއުލާނު ކުރި ބޮޑެތި މަޝްރޫއުތަށް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މަޖިލިސް އިންތިހާބުގެ ވޯޓުލުމަށް ހަތަރު ދުވަހަށްވެފައި އޮއްވައި ރަށްތަށުގެ އިދާރީ ސަރަހައްދަކަށް އިސްލާހު ގެނައުމާއި ތަފާތު ފަޅުތަކާއި ފަޅު ރަށްތަކެއް ތިން ކައުންސިލެއްގެ އިހުތިސާސްގެ ތެރެއަށް ބަދަލު ކުރުމަށް ސަރުކާރުން އިއުލާނު ކޮށްފައިވާކަންވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެެވެ.