20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް މީހުން ހޮވުމަށް އިއްޔެ ބޭއްވި އިންތިޚާބު ކާމިޔާބުކޮށްފައިވަނީ އެންމެ 03 މީހުން ކަން އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
އިއްޔެ ބޭއްވި އިންތިޚާބުގައި 368 މެންބަރުން ވާދަކުރެއްވިއިރު، އޭގެ ތެރޭގައި ހިމެނެނީ 10.76% އަންހެން ފުރަދާރުންނެވެ.
ނިމިދިޔި މަޖިލިސް އިންތިޚާބުގައި ވާދަކޮށް ގޮނޑި ކަށަވަރުކުރެއްވި 03 މެމްބަރުންނަކީ ފ.ނިލަންދޫ ދާއިރާއަށް ކުރިމަތިލެއްވި ޕީއެންސީ ފުރަދާރު ފާތިމަތު ސަޢުދާއި، މާފަންނު މެދު ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި އަސްމާ ރަޝީދު އާއި އަދި ކ.ހުރާ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި އަނާރާ ނަޢީމެވެ.
ނިލަންދޫ ދާއިރާ ކާމިޔާބު ކުރެއްވި ފާތިމަތު ސަޢުދާ އަކީ ރައީސް މުޢިއްޒުގެ އެއްބަނޑު ކޮއްކޮއެވެ. އަދި އަނާރާ ނަޢީމާއި އަސްމާ ރަޝީދަކީ 18 ވަނަ މަޖިލީހުގައިވެސް މެންބަރުކަން ކުރައްވާފައިވާ ދެމީހުންނެވެ.
ދައުރަކަށް ވުރެ ދައުރެއްގައި އަންހެނުންގެ ނިޞްބަތް ކުޑަވަމުން އަންނައިރު، ގިނަ ދައުރުތަކެއްގައި މަޖިލިސް ތަމްސީލުކުރައްވާފައިވާ ގިނަ ފަރާތްތައް މި ފަހަރު ނުހޮވެއެވެ.
ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން ކުޑަ ވާހަކައަކީ އަބަދުވެސް ދެކެވެމުން އަންނަ ވާހަކައަކަށް ވާއިރު ނިމިދިޔަ ދައުރަށްވުރެވެސް މި ފަހަރު ހޮވުނު އަންހެން މެމެބަރުން މަދެވެ.