އިންތިޚާބްތަކާ ދިމާކޮށް ސަރުކާރުތަކުން، ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމީ އައުކަމެއް ނޫނެވެ. އެގޮތުން ނިމިދިޔަ ރިޔާސީ އިންތިޚާބްގައި ކުރީ ސަރުކާރުން ވެސް ވަނީ އެތައް ޖަރީމާއެއް ހިންގާފައެވެ. މިކަން އެތައް ފަހަރެއްގެ މަތިން ޓްރާންސްޕޭަރަންސީ މޯލްޑިވްސް އިން ވަނީ ފާހަގަކޮށްފައެވެ.ނަމަވެސް ކަމާބެހޭ މުއައްސަސާތަކުން ދިނީ ބީރުކަންފަތެވެ. މަންޒަރު ނުފެންނަ ކަމަށް ހަދާލުމަށް ލޮލުގައި އަޅާލީ ކަޅު ފޮތިކޮޅެކެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ދައުލަތުގެ ފައިސާ ގެންގުޅުއްވީ އަމިއްލަ ތަރިކަ މުދާ ފަދައިންނެވެ. ސަރުކާރުގެ ކުންފުނިތަކުން އިންތިޚާބާ ދިމާކޮށް ވަޒީފާތައް ބަހަންފެށިއެވެ. މި މަންޒަރު އޭރު އިދިކޮޅުގައި އޮވެ ބެލި ފަރާތްތަކުން މިއަދު މިހުރީ ވެރިކަމުގައެވެ. އޭރުގައި އެކަމާ އެންމެ ބޮޑަށް ފާޑު ވިދާޅުވެ ތިމަންނާމެންގެ ވެރިކަމެއްގައި އެހެން ނުވާނެއޭ ކިޔައި ޕޯޑިއަމްތަކުގައި އަޑުގަދަކުރިއެވެ.
މިއަދު ވެރިކަމުގައި މިތިބީ އެވެރިންނެވެ. ބަހާ އަމަލާ ދިމާނުވާކަމެވެ. 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ދިމާކޮށް އަދުގެ ސަރުކާރުން ކުޅެން ފެށި ޑްރާމާ ހިންދީ ޑްރާމާތަކަށްވުރެ ވެސް މޮޅެވެ. ކުރީ ސަރުކާރަށް އެއްޗެހި ކިޔަކިޔާފައި އެމީހުންނަށްވުރެ ވެސް ހަޑިކޮށް އުޅެންފެށީއެވެ. އެގޮތުން ސަރުކާރުގެ ވުޒާރާތަކާ ކުންފުނިތަކުން ވަޒީފާތައް ބަހަންފެށިއެވެ. ކުރީ ސަރުކާރަކީ މަތިބަރު ސަރުކާރެއް ކަމަށް ބުނެ މި ސަރުކާރުގެ މަތި ބަރު ކުރުމުގައި އުޅުއްވިއެވެ.
ދެން ފެށީ ރައްޔިތުންގެ އަރިހަށް ރަސްމީ ދަތުރޭ ކިޔާފައި ގޮސް މަޝްރޫއުތައް އިއުލާންކުރަންށެވެ. މީގެ ކުރިންވެސް އިއުލާން ކުރެވެން ހުރި މަޝްރޫއުތައް ކުއްލިއަކަށް އިންތިޚާބް ބޯމަތިވި އިރު، ކުރީމާ ރައްޔިތުންނަށް ވެސް ކޮންމެވެސް އެއްޗެއް ވިސްނޭނެތާއެވެ. މަޖިލިސް އިންތިޚާބަށް 48 ގަޑި އިރުވެފައި ހުއްޓާ މިފަދަ ކަންކަން ކުރަމުން ގެންދާކަން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވަނީ ފާހަގަކޮށް ބަޔާނެއް ވެސް ނެރެފައެވެ. އެ ބަޔާނަށް ކަޅި އެއްލީ ކިތައް ކަމާ ބެހޭ މުއައްސަސާތަކުންބާއޭ ވެސް އަޅުގަނޑުގެ ހިތައް އަރައެވެ. އެހެންތާވާނީ ޖަމިއްޔާ އަކުން އަދި ކަންބޮޑުވުން ފާޅުކުރީމާ އެއީ ދެން އެބަޔަކު ޖެެއްސުމަށް އުޅެނީއެެވެ.
ރިޝްވަތުގެ އަމަލުތަކާ ވޯޓު ގަތުމުގެ ކަންކަންވެސް އެ ޖަމިއްޔާ އަށް ފާހަގަވުމާއެކު ވަނީ ކަމާބެހޭ އިދާރާތަކަށް އެކަންކަން ބެލުމަށް ގޮވާލާފައެވެ. އެހެންނަމަވެސް މުއައްސަސާތައް އޮތީ ނިދާފައެވެ.
މިއީ ރާއްޖޭގައި ހުއްޓުމެއް ނެތި ހިނގަމުން އަންނަ ކަމެކެވެ. ގަނޫނުތައް ކޮރުޖެއްސުން މިއީ ހުއްޓުމެއް ނެތް ސިޔާސަތެކެވެ.