މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އަންހެން ކުއްޖަކު ރަހީނު ކުރި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުގައި ހުއްޓާ ނިޔާވެފައިވާ އާދަމް އަތުހަރާ ބެހޭގޮތުން އިންސާފުވެރި އަދި މިނިވަން ތަހުގީގެއް ކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ގޮވާލައިފިއެވެ.
އެފަދައިން ގޮވާލާފައި ވަނީ އެ ޖަމިއްޔާއިން ނެރުނު ނޫސްބަޔާނުގައެވެ.
އެގޮތުން އެ ނޫސްބަޔާނުގައި ބުނެފައިވަނީ ފުލުހުންގެ ތަހުގީގަކާއި ގުޅިގެން ބަންދުގައި ހުއްޓާ އަތުހަރުގެ ހާލުދެރަވެ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ގައި ފަރުވާދެމުން ދަނިކޮށް ނިޔާވުމާއި އަދި މި މައްސަލަގައި ސީންއަށް އެޓެންޑްކުރި ގޮތާއި މި ހިސާބަށް މި މައްސަލަ ދާން މަގުފަހިވި ސަބަބުތަކާއި ގުޅޭގޮތުން އެ ޖަމްއިއްޔާ އިން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
އިތުރަށް އެ ޖަމިއްޔާ އިން ވަނީ އަތުހަރުގެ ހައްޔަރާއި އަދި މަރުވުމަށް ދިމާވި ހާލަތުތައް މިނިވަންކަމާއި އިންސާވުވެރިކަމާއި، ފުރިހަމަ އަދި ހާމަކަން ބޮޑުގޮތެއްގައި ތަހުގީގުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން އަދި ކަމާއި ގުޅުން ހުރި އެންމެހާ ދައުލަތުގެ މުއައްސަސާތަކަށް ގޮވާލާފައިވެއެވެ.
ހާއްސަކޮށް އަތުހަރު ހައްޔަރުކުރެވުނުއިރު ބާރުގެ ބޭނުން ކުރެވުނު ގޮތާއި އަދި ސިއްހީ ހާލަތަށް ބަލާ ބަންދުކުރުމަށް ނިންމުނު ސަބަބުތައް ބެލުމަކީ ކޮންމެހެން މުހިންމުކަންކަން ކަމުގައި ބަޔާނުގައި ބުނެފައިވެއެވެ.
އަދި މި ތަހުގީގުތައް ކުރުމުގައި އޭނާގެ އާއިލާއަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމާށާއި އާއިލާއަށް އިހުތިރާމް ކުރެވޭ ފަދަ ގޮތަކަށް ތަހުގީގުތައް ގެންދިޔުމަށް ވެސް އެންމެހާ މުއައްސަސާތަކަށް އެ ޖަމިއްޔާގެ ފަރާތުން ވަނީ ގޮވާލާފައިވެއެވެ.