އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވައްދަމުންދާ މައްސަލަ، ހާއްސަ މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް އެ މައްސަލައިގައި ހިމެނޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އިލެކްޝަންސް ކޮމިޝަން އަށް ގޮވާލައިފި އެވެ.
އެތައް ބަޔަކަށް ނޭނގި ސައްހަ ނޫން ފޯމް ހުށަހަޅައިގެން އެހެން ޕާޓީތަކުގެ ދަފްތަރުގައި މީހުން ޖައްސާފައިވާ ކަމުގެ ޝަކުވާތައް ވަނީ ގިނަވެފަ އެވެ. އެގޮތުން އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވެސް، އޭނާއަށް ނޭނގި ޕީއެންސީއަށް ވެއްދި މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އެއާ އެކު އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ފޯމް ބާތިލްކޮށްފަ އެވެ.
ޓްރާންސްޕޭރެންސީގެ ނެރުނު ބަޔާނުގައި ބުނީ ދައުލަތުގެ ރެކޯޑުތަކުންނާއި އަމިއްލަ ފަރާތްތަކުގެ ރެކޯޑުތަކުން ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ހޯދާ ބޭނުން ކުރުމަކީ ފަރުދުންގެ ޒާތީ ދިރިއުޅުމުގެ ހައްގަކަށް އަރައިގަތުން ކަމަށެވެ.
އެފަދަ ކަންކަން ކުރެވޭ ގޮތަށް ނިޒާމު ބައްޓަން ކުރެވިފައި އޮތީ ކީއްވެތޯ ދެނެގަތުމަށާއި އެފަދަ އަމަލުތަކުގައި ބައިވެރިވެ ތަރުހީބުދޭ އަމިއްލަ ފަރުދުންނާއި މުއައްސަސާތައް އަދި ޕާޓީތަކާ މެދު އަޅަންޖެހޭ ސުލޫކީ އަދި ގާނޫނީ ފިޔަވަޅުތައް އެޅުމަށް މިނިވަން ތަހުގީގެއް ކުރުމަކީ މުހިންމު ކަމެއްކަމަށް ޓްރާންސްޕޭރެންސީން ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނޭހެން އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ދައުލަތުގެ ރެކޯޑުތަކުން ގާނޫނާ ހިލާފަށް ހޯދުމާ ގުޅޭ ހާދިސާތަކަކީ ވަރަށް ކަންބޮޑުވާ ކަމެކެވެ، މިފަދަ އަމަލުތަކަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނު އަދި ގާނޫނުއަސާސީގެ 24 ވަނަ މާއްދާ އާއި 30 ވަނަ މާއްދާގައި ކަށަވަރު ކޮށްދީފައިވާ ޒާތީ ދިރިއުޅުމުގެ ހައްގާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ އަސާސީ ހައްގުތަކާއި ހިލާފު ކަންކަން،
ސަރުކާރަށް އެއް އަހަރު ވުމުގެ ކުރިން 75،000 މެންބަރުން ހަމަ ކުރުމަށް މިދިޔަ އަހަރު ހިންގި މެންބާޝިޕް ޑްރައިވްގެ ތެރެއިން ބައެއް މީހުންނަށް ނޭނގި އެ މީހުން ޕީއެންސީއަށް ވެއްދި ކަމުގެ ތުހުމަތު އެ ޕާޓީއަށް ދަނީ އަމާޒުވަމުންނެވެ.
މިފަހުން ބައެއް ފަރާތްތަކަށް ނޭނގި ވެރިކަން ކުރާ ޕީއެންސީއަށް ރެޖިސްޓްރީ ކޮށްފައިވާ މައްސަލަ ފެންމަތިވެފައިވާއިރު، ގިނަ ބަޔަކު ދަނީ އީސީން ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމް އެޕްރޫވް ކުރުމުގައި އަމަލުކޮށްފައިވާ އުސޫލާއިމެދު ސުވާލު އުފައްދަމުންނެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގައި ސިޔާސީ ޕާޓީއެއްގެ މެންބަރުކަމަށް، ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފިނަމަ އެކަން ކުރި ފަރާތެއް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އެއީ ގަވާއިދާ ހިލާފަށް ހުށަހެޅި ކޮންމެ ފޯމަކަށް ޖެހޭ އަދަދެވެ.