ރާއްޖޭގައި އިންޑިޔާގެ ސިފައިން ގާއިމްވެފައި ތިބި މައްސަލައަށް އެއްވެސް ހައްލެއް ލިބިފައިނުވާތީ އަނެއްކާވެސް "އިންޑިޔާ އައުޓް" ކެމްޕެއިން ފައްޓަވާނެ ކަމުގެ އިޝާރާތެއް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްވައިފިއެވެ.
އެމަނިކުފާނުގެ މައްޗައް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލް ކުރުމާއި ގުޅިގެން ކޯޓުގެ ބޭރުގައި ހުންނަވާ ނޫސްވެރިންނަށް ދެއްވި އެންމެ ފުރަތަމަ އިންޓަވިޔުގައި ރައީސް ޔާމީން ވަނީ އިންޑިޔާ ސިފައިންގެ މައްސަލައަށް ހައްލެއް އައިސްފައި ނުވާކަން ފާހަގަކުރައްވާފައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުން އިންޑިޔާ އާއެކު އޮންނަ ގުޅުން ހީނަރުވެދާނެ ކަމުގެ ބިރަށް ގާނޫނާ ގަވައިދާ ޚިލާފަށް ނެރުއްވި ގަރާރު ބާތިލް ކުރުމަށް އަދުގެ ސަރުކާރުގެ އިސް ފަޑީގައި ތިއްބެވި ފަރާތްތައް އޭރު އިދިކޮޅުގައި އޮވެ ގޮވާލިކަމަށެވެ. ނަމަވެސް މިއަދު ވެރިކަމުގައި ހުރެ އެ ގަރާރު ބާތިލް ނުކުރަން އުޅޭ ސަބަބެއްް ނޭނގޭ ކަމަށް ވެސް ރައީސް ޔާމިން ވަނީ ފާހަގަކުރައްވާފައެވެ.
އަޅުގަނޑަށް ނުނިދޭ ކަންކަން އެބަ ހުރި، އަޅުގަނޑު ގަބޫލެއް ނުކުރާނަން ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ދާއިމަށް ގާއިމުވެ މަރުކަޒު ހަދައިގެން ތިބެން ވާނެ ކަމަކަށް، އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުމެންގެ ދެކުނު ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހަމަ އެހެން އޮންނަން ވާނެ ކަމަށް، އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތަށް ބޭރުގެ ބަޔަކު ބަސް ބުނެގެންވާނެ ކަމަކަށް،
އޭގެއިތުރުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ހައްޔަރަށް ލައި ބަންދުކުރުމުން ވެސް "އިންޑިޔާ އައުޓް" ގޮވާލުމަކުން ނުހުއްޓުވޭނެކަމަށެވެ.
އަދި މީގެ ކުރިންވެސް އެމަނިކުފާނުގެ ގެކޮޅުގައި ހަރުކޮށްފައި ހުރި އިންޑިޔާ އައުޓް ބެނާރ އަލުން ހަރުކުރާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.