އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުވާ ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ދީދީ އަށް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ދީފިއެވެ.
ރައީސް އޮފީހުގެ ލީގަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރުކަމަށް އަބްދުﷲ ދީދީ އައްޔަން ކުރިކަމަށް މަޢުލޫމާތު ލިބިފައިވާއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އޭނާއަށް ލިބުނު ކަމަށް ބުނާ މައްސަލައިގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ނިންމައި، ދައުވާ ކުރުމަށް މިދިޔަ ޑިސެމްބަރު މަހު ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް އޮތީ ފޮނުވާފަ އެވެ.
ޖޭ.އެސް.ސީ އިން 2019 ވަނަ އަހަރު ޢަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބަލަން ފަށާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެ ކޮމިޝަނަށް ހުށަހެޅުމުންނެވެ. ފުލުހުން އޭރު ތަހުގީގު ކުރީ، އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްތެރިވީ ފަރާތްތަކުގެ ކިބައިން ފައިދާ ނަންގަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން "ނާޖާއިޒް މަންފާތަކެއް ހޯދި" ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެކެވެ.
އެ މައްސަލަ ޖޭއެސްސީން ބަލައި، އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައިވާ ގޮތުން ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ތަކުގެ ތެރެއިން ނުވަ މިންގަނޑަކާ އަބްދުﷲ ދީދީ ހިލާފުވެފައިވާ ކަމަށެވެ. އަދި ހުރިހާ ކަމަކަށް ބަލާއިރު، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ އެތައް ގޮތަކުން ހިލާފުވެފައިވާކަން ބުއްދީގެ ހަމަތަކުން ބުރަވެވޭ ކަމަށް ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ރައީސް އޮފީހުން މި ކަމާއި ގުޅޭގޮތުން ތަކުރާރުކޮށް ސުވާލުކުރުމުން ހާމަކޮށްފައިވަނީ ޚިޔާނާތުގެ މައްސަލައެއްގައި ކުށްވެރިވެފައިވާ ފަރާތެއް އެ އިދާރާގެ މަގާމަކަށް އައްޔަނުކުރެވިފައިނުވާކަމަށެވެ.
ޚިޔާނާތާއި، ކޮރަޕްޝަންފަދަ ބޮޑެތި ކުށްތަކުގެ ތުހުމަތު އޮންނަ ފަރާތްތަކަށް މި ސަރުކާރުން ވަޒީފާގެ ފުރުސަތުތައް ދެމުންދާކަމީ އާ ކަމެއް ނޫންކަން ދިވެހި ރައްޔިތުންނަށް ވަރަށް ރަނގަޅަށް ހާމަވެފައިވެއެވެ.