March 19, 2026
Advertisement
މަލީހު ހައިކޯޓު ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މަލީހު ހައިކޯޓު ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ / ތޭރަ އޮންލައިން

އެޕީލް ކޯޓަކުން ރައީސް ޔާމީންގެ މައްސަލަ މަޑުޖެއްސުމަކީ ކަންބޮޑުވާކަމެއް: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Jan 17, 2024, 12:51 AM
މާލެ ސިޓީ

އެޕީލް ކޯޓަކުން ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ މަޑުޖެއްސުމަކީ ކަންބޮޑުވާކަމެއްކަމަށް އެމަނިކުފާނު އަލަށް އުފައްދަވާ ޕާޓީ އުފެއްދުވެމުގައި އިސްކޮށް އުޅުއްވާ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށހަޅަފައިވާ ވ. އާރަށުގެ މައްސަލައިގެ ހުކުމުގެ އިސްތިއުނާފު ނިމި އެތައް ދުވަހެއް ފާއިތުވެފައިވާއިރުވެސް ހުކުމް ނުކޮށް ލަސްކުރަމުން ދާތީ އެކަމުގެ ކަންބޮޑުވުމާއެކު ހައިކޯޓަށް ވަޑައިގެންނެވުމަށްފަހު ދެއްވި އިންޓަވިއުއެއްގައެވެ.

މަލީހު ވިދާޅުވީ ރާއްޖޭގެ އިސްތިއުނާފީ ކޯޓަކުން އަމަލުކުރަމުން މިދާ އުސޫލަށް ބަލާއިރު މިއީ ރާއްޖޭގެ އިންސާފުގެ ނިޒާމުގައި ހުތުރު މަންޒަރެއް ކަމަށާ އަދި ރައީސް ޔާމީން ފަދަ ބޭފުޅަކާ މެދު މިފަދަ އަމަލު ކުރުމަކީ ޝަރުއީ ނިޒާމުގެ ތެރޭގައި ނުފޫޒު އޮތް މިންވަރު ހާމަވެގެން ދާ ވަރަށް ފުރިހަމަ މިސާލެއް ކަމަށްވެސް މަލީހު ވިދާޅުވިއެވެ.

ސްކޫލު ކުދިންގެ ފޮތްތަކުގައިވެސް އެބަ އޮވޭ ތިންބާރު ވަކިވެފައި އޮތް ވާހަކަޔާ އަދި އަދްލު އިންސާފުގެ އެންމެ އިސް ފަރާތަކީ ރާއްޖޭގެ ކޯޓުތައް ކަމަށް. ނަމަވެސް ރައީސް ޔާމީންގެ މައްސަލަގައި ހައި ކޯޓުން، އެޕީލް ކޯޓަކުން އެ މައްސަލަ އަވަސްކުރުމުގެ ނިޔަތެއް ނުގެންގުޅެމަކީ ވަރަށް ކަންބޮޑުވާ ކަމެއް. ރައީސް ޔާމީންއަށް އިންސާފު ހޯދަން ދާންވީތަނެއް ނޭނގި ގޮތް ހުސްވެއްޖެ.

މަލީހު

މަލީހު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ޖުޑިޝީއަރީ މިނިވަންވެއްޖެ ކަމަށް ވިދާޅުވި ނަމަވެސް ދޮރުތައް އަދިވެސް ހުރީ ނުފޫޒުގެ ތަޅުތަކުން ތަޅުލާފައިކަމަށެވެ. މަލީހު ވިދާޅުވި، ރައީސް ޔާމީން މިނިވަންނުކޮށް ދިގު ދަންމަމުން ދަނީ ކުރިއަށް ހުރި މުހިއްމު އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް ކަމަށާ އެމަނިކުފާނު މިިނިވަންކޮށްފި ނަމަ އިންތިހާބުތަކުގައި އެމަނިކުފާނުގެ ފިކުރު ބޮޑުތަނުން ކުރި ހޯދާނެކަމުގެ ޔަގީންކަން ސަރުކާރާ އަދި އެހެން ފަރާތްތަކަށްވެސް އޮތުމުން ކަމަށެވެ.

ރައީސް ޔާމީންގެ ހުކުމުގެ އަޑު އެހުން ތާވަލްނުކޮށް ލަސްކުރަމުންދާއިރު މީގެ ކުރިން ވެސް އެކަން ސާފުކުރަން ހައި ކޯޓަށް ރައީސް ޔާމީންގެ ޓީމުން ގޮސްފައި ވެއެވެ. އެއިން ކޮންމެ ފަހަރަކު ވެސް ހައި ކޯޓުން ދޭ ޖަވަބަކީ ވީހާ ވެސް އަވަހަށް ހުކުމް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ހުކުމާ ހަމައަށް ވާސިލްވެ 2 މަސް ދުވަސް ފައިތުވާން ކައިރިވެފައިވާއިރު ހުކުމުގެ މަޖިލިސް ތާވަލްނުކުރުމަކީ އެއީ ގާނޫނީ ގޮތުން ދެރަވަރު ކަމެއްގެ ގޮތުގައި ގާނޫނީ ފަންނުގެ ގިނަ ބޭފުޅުން ފާހަގަކުރައްވައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved