ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރުންނަށް ދައުލަތުން ދެމުންދާ އެލަވަންސް އުމުރު ދުވަހު ލިބޭތީ އެ އެލަވަންސް އުވާލަން ގޮވާލައިފިއެވެ.
މިކަމާ ދެކޮޅަށް ކެމްޕެއިނެއް ފަށާފައިވަނީ ސޯޝަލްމީޑިޔާގައެވެ.
އެގޮތުން ހިޔާލު ފާޅު ކުރަމުންދާ މީހުން ބުނާ ގޮތުގައި އުމުރު ދުވަހު ކުރީގެ މެމްބަރުންނަށް އިނާޔަތުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން އެތައް ހޭދައެއް ކުރަން ޖެހޭ ނަމަ، އެކަން ވާނީ މާލީ ބުރައަކަށް ކަމަށެވެ.
މިއީ ރައްޔިތުންގެ ފައިސާ އިސްރާފު ކުރުން ކަމަށްވެސް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި މަޖިލީހުގެ އެއް ދައުރު، ދެ ދައުރު އަދި ތިން ދައުރު އަދާ ކުރައްވާފައިވާ މެމްބަރުންނަށް އެލަވަންސެއް ދޭން ޖެހޭނެއެވެ.
މަޖިލީހުގެ އެއް ދައުރު މެމްބަރުކަން ކުރައްވާ މެމްބަރަކަށް މުސާރައިގެ %30 ދައުލަތުން ދޭން ޖެހޭނެއެވެ.
ދެ ދައުރު މެމްބަރު ކަން ކުރައްވާ މެމްބަރަކަށް މުސާރައިގެ %45 ދޭން ޖެހޭއިރު، ތިން ދައުރު ކުރައްވާ ބޭފުޅަކަށް މުސާރައިގެ %55 ދޭން ޖެހޭނެއެވެ.
މި އިނާޔަތް ލިބޭނީ ރައްޔިތުންގެ މަޖިލީހުން ވަކިވުމަށް ފަހު އަދި އެ މެމްބަރެއްގެ އުމުރުން 55 އަހަރު ވީމައެވެ.
ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރާ ނަމަ، އެ ވަޒީފާއެއް އަދާކުރަމުންދާ މުއްދަތުގައި މި އިނާޔަތެއް ނުލިބޭނެއެވެ.
ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވީ ކުރީގެ މެމްބަރުންގެ އެލަވެންސް އުވާލަންޖެހޭ ސަބަބުތައް އެބަހުރި ކަމަށެވެ. އެއް ކަމަކީ އެކަމުގެ ސަބަބުން ދައުލަތު މާލިއްޔާއަށް އޮންނަ ބުރަ އާއި އޭގެ ސަބަބުން އާންމު ރައްޔިތުންގެ އާމްދަނީއާ މެމްބަރުންގެ އިނާޔަތާ ދެމެދު އޮންނަ ފަރަގު ކަމަށް ވިދާޅުވިއެވެ. އަދި އެ އެލަވެންސްގެ ސަބަބުން އެ ހޯދުމުގެ ބޭނުމުގައި އެކި ނާޖައިޒު ގޮތްތަކުން މަޖިލީހަށް އިންތިހާބުވާން މަސައްކަތް ކުރާ މީހުން ވެސް އިތުރުވެފައިވާ ކަމަށް ފާރިސް ވިދާޅުވިއެވެ.
އެހެން ބައެއް މީހުން ވެސް ބުނެފައިވަނީ މަޖިލިހުގެ މެމްބަރުކަން ކުރެއްވި މެމްބަރުންނަށް އެލަވަންސް ނުވަތަ އިނާޔަތެއް ހައްގު ނޫން ކަމަށެވެ.
"ނުފޫޒާއި ބާރު ބޭނުންކޮށްގެން ނާޖައިޒު ގޮތުގައި ބޮޑެތި މުސާރަ އާއި އިނާޔަތްތައް ނެގުން ހުއްޓާލާ. ތިޔަވަނީ ރައްޔިތުންނަށް ހަރާމްކޯރު،" އެކަކު ބުނެފައިވެއެވެ.
އެހެން މީހަކު ބުނެފައި ވަނީ ނަޒާހަތްތެރިކަމަށް ވަކާލާތުކޮށްގެން މަޖިލިހަށް އަލަށް ހޮވުނު ޕީއެންސީގެ މެމްބަރުން މިކަން ބަދަލު ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.