އައްޑު އަތޮޅަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެ އަތޮޅުގެ އެކި ހިސާބުތައް ފެނު އަޑިއަށް ގޮއްސިއެވެ.
އައްޑޫ މޭޔަރު ރޭގެ ވަގުތެއްގައި ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ފޭދޫގެ 30 އަށް ވުރެ ގިނަ ގެތަކަށް ފެން ވަދެ އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ދިވެހި ސިފައިންނާއި، ފުލުހުން އަދި ފޭދޫ އަވަށު އޮފީހާއި އާންމު ރައްޔިތުން ވެގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ބައެއް ގެތަކަށް ދިރި ނޫޅެވޭ ވަރަށް ފެން ވަދެ ގެއްލުން ވެފައިވާތީ އެ ފަރާތްތަކަށް ދިރިއުޅެވޭނެ ނިޒާމެއް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް މޭޔަރ ވިދާޅުވެފައިވެއެވެ.
މެޓް އޮފީހުން ރޭ ވަނީ ފުވައްމުލަކާއި އައްޑުއަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. އެގޮތުން ރޭ 8:30 އިން ފެށިގެން 12:30އަށް ނެރުނު އެ އެލާޓްގައި ބުނެފައިވާ ގޮތުގައި ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ އެވެ.
އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00އަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭ ވެހުނު މިންވަރު އަންގައިދޭ ޗާޓުން ފެންނަ ގޮތުގައި ސ. ގަމަށް 167 މިލިލީޓަރުގެ ވާރޭ ވެހުނެވެ.
މެޓުން ލަފާކުރާ ގޮތުގައި މިއަދު ވެސް މެދުރާއްޖެތެރެ އާއި ދެކުނުގެ ހިސާބުތަކަށް ގުގުރުމާ އެކު ވިއްސާރަކުރާނެ އެވެ. އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް ލަފަކޮށްފައިވެ އެވެ.