ސްމާޓް މީޓަރުގެ ޕްރޮޖެކްޓާއެކު ރައްޔިތުންނަށް ލުއި ފަސޭހަތައް ވެގެން ދާނެ ކަމަށާއި ކަރަންޓު ބިލްވެސް ކުޑަވެގެން ދާނެ ކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މުއާޒް މިފަދައިން ވިދާޅުވީ ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މުޢާޒު ވިދާޅުވީ ނިމިދިޔަ ރޯދަ މަހުގެ ކަރަންޓު ބިލް ބޮޑުވެގެން ގިނަ ބަޔަކު ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި އެ ޝަކުވާތަކާއި ގުޅިގެން ރީޑިންގ ނެގުމުގައި މައްސަލައެއް އުޅޭތޯ އާއި ޔޫއާރއޭއިން ކަނޑަޅާފައި ހުރި މިންގަނޑުތަކަށް ބިލު ކުރެވުފައި ހުރިތޯވެސް ބެލި ކަމަށެވެ.
ނަމަވެސް އެކަހަލަ އެއްވެސް މައްސަލައެއް ނެތް ކަމަށް މުއާޒް ފާހަގަކުރެއްވިއެވެ.
މުއާޒް ވިދާޅުވީ ރޯދަމަހުގެ ކަރަންޓު ބޭނުން ކުރެވުނު މިންވަރު އިތުރުވުމުގެ ސަަބަބުންނާއި އެ ދުވަސްވަރު ހޫނުގަދަ ވުމުގެ ސަބަބުން ބިލް ބޮޑުވެފައިވާ ކަމަށާއި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެގެން ދިޔަ ކަމަށެވެ.
އަދި ހަމައެއާއެކު ފެނަކައިން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ސްމާޓް މީޓަރ ޕްރޮޖެކްޓު ފެށުމުން ރައްޔިތުން އިތުރަށް ހޭލުންތެރިވެ ކަރަންޓް ބޭނުން ކުރެވޭ މިންވަރު ރައްޔިތުންނަށް އެނގޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.