ހުޅުމާލެއަށް ދަތުރުކުރާ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް ނަގާނެ ކަމަށް ބުނިތާ ފަސް މަސް ވީއިރު ވެސް ސޯލާ ޕެނަލްތައް ނަގަން މަސައްކަތް ކޮށްފައިނުވާކަން ހާމަވެއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ ސޯލާ ޕެނެލްތައް ނެގުމުގެ މަސައްކަތް ކަމާ ބެހޭ މިނިސްޓަރީތަކުން ކުރަމުންދާ ކަމަށެވެ.
ހައި ވޭގައި ހުރި ސޯލާ ޕެނަލްތައް ނަންގަވާނެކަމަށް އަދުގެ ރައީސް ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕެެއިން ދުވަސްވަރު ވިދާޅުވެފައެވެ.
ހީނާ އެ މަސައްކަތްތައް ކަމާބެހޭ ވުޒާރާތަކުން ކުރާ ކަމަށް ވިދާޅުވިއިރު އައު ސަރުކާރު އައި ފަހުން މިހާރު 5 މަސް ވެއްޖެއެވެ. މިހާތަނަށް އެ ވާހަކަ ދައްކާފައި ނުވާތާ އެ މަސައްކަތް ކުރައްވާ މަންޒަރުވެސް ނުފެނެއެވެ.
ހައިވޭގައި ހުރި ސޯލާ ޕެނަލްތަކުން ދުވާލަކަށް 4.8 މެގަވޯޓުގެ ކަރަންޓު އުފައްދަ އެވެ. އެ ޕެނަލްތަކުން އުފައްދާ ކަރަންޓު ސްޓެލްކޯއިން ގަންނަނީ ކަރަންޓު ޔުނިޓެއް 10.09 އެމެރިކާ ސެންޓަށެވެ. ދިވެހި ރުފިޔާއިން ބަލާނަމަ ކަރަންޓު މީޓަރަކަށް އެއް ރުފިޔާ 68 ލާރީގެ މަގުންނެވެ.
އެންމެ އާބާދީބޮޑު މާލެ ސަރަހައްދުގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ފެށި އެ މަޝްރޫއުއިން އަހަރަކަށް 7.3 މިލިއަން ކަރަންޓު ޔުނިޓު އުފައްދާނެ ކަމަށް ޕްރޮޖެކްޓު ފެށުމުގެ ކުރިން އަންދާޒާ ކޮށްފައިވެ އެވެ.
އެ އަދަދަށް ބަލާނަމަ، ދިވެހި ދައުލަތުން ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ކޮންމެ އަހަރު ސަލާމަތް ކުރެވޭނެ އެވެ.