އިންޑިޔާގެ ޕްރައިމް މިނިސްޓަރަށް ސޯޝަލް މީިޑިޔާގައި ފުރައްސާރަކުރި 3 ނައިބު ވަޒީރުން ހަގީގަތުގައި ސަސްޕެންޑް ކުރެވިގެން ނުވާނެކަމަށް ހީނާގެ ވާހަކަތަކުން ދޭހަވެއްޖެއެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނަކަށް ހީނާ ވަލީދު އައްޔަންކުރެއްވިފަހުން އެ އޮފީހުގައި ހީނާ ބޭއްވި އެންމެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔެއް ވަނީ އެ 3 ވަޒީރުންނާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.
އެގޮތުން އެ ނޫސްވެރިޔާ ވަނީ އެބޭފުޅުން ސޯޝަލް މީޑިޔާގައި ސަރުކާރު ޕްރޮމޯޓް ކުރައްވަމުން ގެންދަވާ ވާހަކަ ފާހަގަކުރައްވާފައެވެ.
އެގޮތުން އެކަން އެ ކުރައްވަނީ ސަރުކާރުގެ ނައިބު ވަޒީރުންގެ ގޮތުގައިތޯ ނުވަތަ އެކްޓިވިސްޓުންގެ ގޮތުގައިތޯ އަހާފައެވެ.
ޖަވާބުގައި ހީނާ ވިދާޅުވީ އެ 3 ނައިބު ވަޒީރު އަދިވެސް ތިއްބެވީ ސަސްޕެންޝަންގައިކަމަށެވެ. ސަސްޕެންޝަން އުވާލިކަމުގެ މައުލޫމާތު ހީނާ އަށް އަދި ލިބިފައި ނުވާކަން ހީނާ ފާހަގަކުރެއްވިއެވެ.
ސޯޝަލް މީޑިޔާގައި އެބޭފުޅުން ދައްކަވަމުންގެންދަވާ ވާހަކަތަކަކީ އެބޭފުޅުންގެ އަމިއްލަ ވާހަކަތަކެއް ކަމަށް ހީނާ ފާހަގަކުރެއްވިއެެވެ.
ނަމަވެސް އެ 3 ނައިބު ވަޒީރުން ސަސްޕެންޑްކޮށްފައި ވަނީ ސޯޝަލް މީޑިޔާގައި އެބޭފުޅުންގެ އަމިއްލަ އެކައުންޓުން ކުރެއްވި ޕޯސްޓެއްގެ ސަބަބުންނެވެ.
ހީނާ މިފަދަ މޭރަމަކުން ވާހަކަދެއްކެވުމުން ދޭހަވެގެންދަނީ އޭރުގައި ވެސް އެބޭފުޅުން ސޯޝަލް މީޑިޔާގައި އެ ދެއްކެވި ވާހަކަތަކަކީ އެބޭފުޅުންގެ މަގާމްގެ ގޮތުން ދެއްކެވި ވާހަކަތަކެއް ނޫން ކަމެވެ. އެހެން ކަމުން ހަގީގަތުގައި އެ ނައިބު ވަޒީރުން ސަސްޕެންޑް ކުރެވިގެން ނުވާނެކަމެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ވާހަކަ ދައްކަވާފައިވާތީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު މަގާމުން ސަސްޕެންޑުކޮށްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގައެވެ.
ސަސްޕެންޑް ކުރި ނަމަވެސް އެ ވަޒީރުންނަށް މުސާރަ ހިނގާނެކަމަށް ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން މިނިސްޓާރ ހަލީލް ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.
ޝިއުނާ އަދި މަލްޝާ އަކީ ފާހަގަކޮށްލެވޭ ގޮތުގައި ސޯޝަލް މީޑިޔާގައި އެކި އެކި ފަރާތްތަކަށް ފުރައްސާރަ ކުރަމުން އަންނަ ދެ ނައިބު ވަޒީރުންނެވެ.
ސަރުކާރު ޕްރޮމޯޓް ކުރުމުގެ ނަމުގައި އެ ދެބޭފުޅުން ވެސް އެހެން ފަރާތްތަކަށް ގަނާ ކުރަމުން ގެންދާތީ ގިނަ ބައެއްގެ ހިތްހަމަ ނުޖެހުމާއި ފާޑުކިޔުން ޝިއުނާ އަދި މަލްޝާއަށް ވަނީ އަމާޒުވެފައެެވެ.