April 30, 2026
Advertisement
ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުންގެ ދައުރު ބޮޑުކުރަންޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް
ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުންގެ ދައުރު ބޮޑުކުރަންޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް / މޯލްޑިވްސް ޕޮލިސް ސާރވިސް

ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުންގެ ދައުރު ބޮޑުކުރަންޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް

Aminath Zara
އައިމިނަތު ޒާރާ
Apr 29, 2024, 11:01 PM
މާލެ ސިޓީ

ދިވެހި ފުލުހުންގެ މުއައްސަސާގައި އަންހެނުންގެ ދައުރު މަދު ކަމަށާއި، އަންހެން ފުލުހުންގެ ދައުރު މިހާރަށްވުރެ ބޮޑަށް ފުޅާކުރަންޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.

Advertisement

ކޮމިޝަނަރ މިހެން ވިދާޅުވެފައިވަނީ "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ" ގެ ދެވަނަ ދައުރު އިފްތިތާޙް ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މަސައްކަތުގެ މާޙައުލުގައި ފިރިހެނުންނާއި އެއްވަރަށް އަންހެނުންނަށް ފުރުސަތު ހޯދައިދީ އެކަން ޔަގީން ކުރުމަކީ މުހިއްމު ކަމެއް ގޮތުގައި ޢަލީ ޝުޖާޢު ފާހަގަކުރައްވާފައިވެއެވެ. ކުރިއަށް އޮތް 05 އަހަރަށް އިމްޕްލިމެންޓް ކުރާ ސްޓްރެޓީޖިކް ޕްލޭންގެ ދަށުން އެކަމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ކޮމިޝަނަރ އިތުރަށް ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގައި ތިބި މުވައްޒަފުންގެ ތެރެއިން އަންހެނުން މުވައްޒަފުންގެ އަދަދު އުޅެނީ 15 އިންސައްތައިގައި ކަމަށާއި ފުލުހުންގެ ޚިދުމަތަކީ އަންހެނުންނަށް ރައްކާތެރި އަދި ކުރިމަގު އޮތް މުއައްސަސާއަކަށް ހެދުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެގޮތުން މިހާރު ޚިދުމަތުގައި ތިބި އަންހެން ފުލުހުންނަށް ދިމާވާ ދަތިތައް ހައްލުކުރަން އިސްކަން ދެއްވާ ކަމަށް ވިދާޅުވި އެވެ.

ވަޒީފާގެ މާޙައުލުގައި އަންހެނުންނަކީ އަބަދުވެސް އެކި ކަހަލަ ގޮންޖެހުންތަކާއި ކުރިމަތިލަމުން އަންނަ ބައެކެވެ. މިގޮތުން އަންހެނުންނަށް އަދާކުރެވޭނީ ވަކި ކަހަލަ މަސައްކަތަތައް ކަމަށް ޤަބޫލުކުރާ ސަގާފަތް އަދިވެސް ހުއްޓުމަކަށް ނާދެއެވެ. ނަމަވެސް މިފަދަ ގޮންޖެހުންތަކާއި ކެރިގެން ކުރިމަތިލާ ކުރިއަށް ދާ އަދި ކާމިޔާބީ ހޯދަމުންދާ އަންހެނުން މި ކުޑަ މުޖުތަމަޢުގައި އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved