ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު ވެގެން ގޮސްފައިވަނީ އެތައް ގޮތަކުން ރައްޔިތުން ވަރަށް ބޮޑަށް ނުރުހުނު ސަރުކާރަކަށެވެ. ސަބަބުތައް ގިނަ އެވެ. އެއީ ސިޔާސީ މަގާމުތައް ގިނަ މަތިބަރު ސަރުކާރެކެވެ. އެތައް އެއްބަސްވުމެއް ހަދައި އެ އެއްބަސްވުންތައް ރައްޔިތުންނަށް ނުދައްކައި ފޮރުވަމުން ދިޔަ ސަރުކާރެކެވެ. ސަރުކާރާއި ދެކޮޅު މުޒާހަރާތައް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ގަރާރުތައް ނެރުއްވަމުން ދިޔަ ސަރުކާރެކެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ހުރިހާ މައުލޫމާތެއް ހިފަހައްޓަމުން ގެންދިޔަ ސަރުކާރެކެވެ. އިދާރާތަކުގެ އެންގުމާއި ދެކޮޅު ހަދައި ގާނޫނުތައް މުގުރަމުން ދިޔަ ސަރުކާރެކެވެ.
މިހުރިހާ ކަމަކާއި ދެކޮޅަށް ރައްޔިތުން ތެދުވެ 2023 ވަނަ އަހަރު ވެރިކަން ބަދަލުކުރި އެވެ. އަދި ރައްޔިތުންނާއި ރައްޓެހި ސަރުކާރެއް އެކުލެވިގެން ދާނެކަމުގެ އުއްމީދު އާވި އެވެ. އެހެންނަމަވެސް ކަންކަން ބަދަލުވެގެން ދިޔައީ މުޅިން ދިމާ އިދިކޮޅަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ފެނިގެން ދިޔައީ އަދަދު ނޭނގޭ މިންވަރަށް ސިޔާސީ މަގާމުތައް އިތުރުވަމުން ދިޔަތަނެވެ. 700 އަށްވުރެއް އިތުރަށް ސިޔާސީ މަގާމުތައް އިތުރު ނުކުރައްވާނެކަމަށް ރައީސް ވިދާޅުވިޔަސް މިއަދަދު ފަހަނަ އަޅާ ދިޔަކަން ފާޅުކަން ބޮޑު ގޮތެއްގައި އޮތީ އިނގޭށެވެ. ސިޔާސީ މަގާމުތައް ކުއްލިއަކަށް އިތުރުވެގެން ދިޔައީ ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ތެރޭގަ އެވެ.
މިމައުލޫމާތުތައް މީޑިއާތަކަށް ކޮންމެވެސް ވަރަކަށް ތިލަވެގެން ދިޔަނަމަވެސް ސިޔާސީ މަގާމުތަކުގެ ސީދާ އަދަދާއި އެކި ފެންވަރުތަކުގެ މަގާމުތަކުގައި ތިބި ބޭފުޅުންނާއި އެބޭފުޅުންގެ މުސާރަ ހޯދަން އެކި ފަހަރުމަތިން މީޑިއާތަކުން ވަނީ މަސައްކަތް ކޮށްފަ އެވެ. އެހެންނަމަވެސް ރައީސް އޮފީހުން ދަނީ މިމައުލޫމާތުތައް އާންމު ކުރުމާއި ދެކޮޅު ހައްދަވަމުންނެވެ. ސަބަބެއްކަމުގައި ވިދާޅުވަނީ އެމައުލޫމާތު ވުޒާރާތަކުން ނުލިބޭތީ ކަމަށެވެ.
އިންފޮމޭޝަން ކޮމިޝަނާގެ އޮފީހަށް މިމައުލޫމާތު ހޯދަން ހުށަހަޅައި މައުލޫމާތު ހާމަކުރަންވެސް ރައީސް އޮފީހަށް މިހާރު އޮތީ އަންގައިފަ އެވެ. އެހެންނަމަވެސް ރައީސް އޮފީހުން ދަނީ އަދިވެސް މިކަމާއި ދެކޮޅު ހަދަމުންނެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ވިދާޅުވީ ކޮންމެ މަހަކު އެއް ފަހަރު މީޑިއާތަކާއި ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ވަޒީރުންވެސް ކޮންމެ މަހަކު އެއްފަހަރު މީޑިއާތަކަށް މައުލޫމާތު އަރުވާނެ ކަމަށެވެ. މިކަންވެސް ބަދަލުވާކަށް މާ ގިނަ ދުވަހެއް ނުނެގި އެވެ. ޑިސެމްބަރު މަހަށްފަހު ރައީސް މުއިއްޒު ނޫސްވެރިންގެ އަތަކު ނުޖެހުނެވެ. 100 ދުވަސް ފާއިތުވެގެން ދިޔުމަށްފަހު މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް މިހިނގާ އޭޕްރީލް މަހު ރައީސް މުއިއްޒު ނިންމެވީ ވަކި ވަކި މީޑިއާތަކަށް އިންޓަވިއު ދެއްވާށެވެ. މިގޮތައް އިންޓަވިއު ދެއްވަމުން ގެންދެވީ ކުރީ ބައިގައި ސުވާލުތައް ފޮނުވައި ދުރާލާ ތައްޔާރުވެގެންނެވެ. އަދި ރައްޔިތުންގެ ސުވާލުތަކަށް ރައީސް ޖަވާބު ދެއްވަމުން ގެންދެވީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހަމައެކަނި ހޮވާލެވޭ މަދު ސުވާލަކަށް އެކަންޏެވެ.
ވަޒީރުންނާ ސުވާލު ކުރުމަށް އަހާގެ ނަމުގައި ފޯރަމްއެއް ތައާރަފު ކުރި އެވެ. މިފޯރަމް ކޮންމެ މަހަކު އެއްފަހަރު ބާއްވާނެކަމަށް ސަރުކާރުން ބުނިނަމަވެސް ތިން މަސް ވެގެން ދިޔައިރުވެސް މި ސިލްސިލާގެ ދެވަނަ ފޯރަމްއެއް ނުބޭއްވުނެވެ.
ސަރުކާރުން ސްޕޯކްސްޕާސަންގެ މަގާމަށް ބްރޯޑްކާސްޓިންގް ކޮމިޝަންގެ ކުރީގެ ރައީސް އިމުހައްމަދު ޝަހީބު އައްޔަނު ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެހެންނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޝަހީބު އެ މަގާމުން ވަކިކުރެއްވި އެވެ. މިދިޔަ ހަފްތާއާއި ހަމައަށް ސަރުކާރުގައި ސްޕޯކްސްޕާސަންއެއް ނެތެވެ. އެހެންކަމުން ސްޕޯކްސްޕާސަންގެ ޕްރެސް ކޮންފަރެންސެއްވެސް ނުބާއްވައި އެތައް ދުވަހެއް ފާއިތުވެގެން ދިޔަ އެވެ.
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ސްޕޯކްސްޕާސަންގެ މަގާމަށް އައްޔަނު ކުރީ މިދިޔަ ހަފްތާ އެވެ. އެހެންނަމަވެސް ހީނާ ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ފެނުނީ ނާތަހުޒީބީ ގޮތަކަށް މީޑިއާތަކާއިމެދު އަމަލު ކުރެއްވިތަނެވެ. އެގޮތުން ނޫސްވެރިންނަށް ފޯނު ނުވެއްދޭނެކަން ރައީސް އޮފީހުން އެންގި އެވެ. މިކަމާއި ދެކޮޅަށް ނޫސްވެރިން އިހުތިޖާޖު ކުރުމުން އިތުރު ގޮތެއް ނެތިގެން ނޫސްވެރިންނަށް ފޯނު ވެއްދޭނެ ގޮތް ހަދައި އެ ބައްދަލުވުން ކުރިއަށް ގެންދިޔަ އެވެ. މިކަމުގައި ދެން ފެނުނީ ހުދު ސްޕޯކްސްޕާސަން ނިކުންނަވައި އިތުރުފުޅު ހެއްދެވި މަންޒަރެވެ. ފޯނު ނުވެއްދޭނެކަން ނާންގާކަމަށް ވިދާޅުވި އެވެ. އެހެންނަމަވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ސާފުކޮށް ހީނާ ވިދާޅުވީ "މިއަދު ދިމާވި ކަންތައް އިތުރަށް ތަކުރާރު ނުވާނެހެން" ކަންކަން އިންތިޒާމު ކުރައްވާނެ ކަމަށެވެ.
ސަރުކާރުން ބޭރުގެ ގައުމުތަކާއިއެކު ހަދާ އެއްބަސްވުންތައް އަނެއްކާވެސް މިވަނީ ސިއްރު ކުރަން ފަށައިފަ އެވެ. ކޮންމެ ކަމެއްވެސް ވެގެން މިދަނީ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަކަށެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކޮށްގެން ގަތް ޑްރޯންތަކެއްގެ އަގު އަދިވެސް ސަރުކާރުން ހާމައެއް ނުކުރެ އެވެ. އޭގެ އަގު 37 މިލިއަން ޑޮލަރަށް އަރާކަމަށް ވާހަކަ ދެކެވޭއިރު މިމައުލޫމާތުވެސް އާންމުކުރަން ސަރުކާރަށް މުހިންމެއް ނުވި އެވެ.
ކޮންމެ ކަމެއްވެސް މިހާރު ވެގެން މިދަނީ ސިއްރު ކަމަކަށެވެ. މިހާ ސިއްރުކަން ބޮޑު ގޮތަކަށް ސަރުކާރު ހިންގަމުން ދާނަމަ ކޮރަޕްޝަނަށް ހުޅުވޭ ދޮރުތައް ގިނަވެ އެވެ. ރައީސް ޞާލިހުގެ ސަރުކާރުގައި ކަންތައް ވެގެން ދިޔައީ މިހެންނެވެ. ރައީސް މުއިއްޒުގެ ސަރުކާރަށް އަދި އަހަރެއް ނުވެ އެވެ. މިހާ ސިއްރުކަން ބޮޑު ގޮތެއްގައި ސަރުކާރު ހިންގަން ގަސްތު ކުރާނަމަ ބިތު ފަންގި ނަގާ ދުވަހު ކެއި ކެޔޮގަނޑުގެ އަދަދު ނުކުރެވޭނެ އެވެ. ރައްޔިތުންގެ އިތުބާރު ގެއްލި ޕީއެންސީއަށް އޮތް މަގުބޫލުކަންވެސް ގެއްލިގެން ހިނގައިދާނެ އެވެ.
ކުރިއަށް އޮތީ އަނދިރި ދުވަސްތަކަކަށް ވެދާނެ އެވެ. ސަބަބަކީ އަންނަ މަހުގެ ތެރެގައި 20 ވަނަ މަޖިލިސް މެމްބަރުން ހުވާ ކުރައްވާނެ އެވެ. މިއާއެކު މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލްވެސް އޮންނާނީ ސަރުކާރުގަ އެވެ. ސިއްރު ކުރަން ބޭނުން ކޮންމެ މައުލޫމާތެއް މާ ފަސޭހަކަމާއިއެކު ސިއްރު ކުރެވޭނެ އެވެ. އަދި ރައްޔިތުންނަށް އޮޅުވައިލަން ބޭނުން ކޮންމެ ކަމެއްވެސް އޮޅުވައިލެވިދާނެ އެވެ. މިއާއެކު ސަރުކާރަށް ފާރަވެރިވާން ތިބޭނީ މީޑިއާތަކެވެ. ހިތާމައަކީ ގިނަ މީޑީއާތައް ސަރުކާރުން ގަނެފައި އޮތުމެވެ.