

ރާއްެޖެ ޓީވީގައި ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރުދިން މީހާގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ސުޖާއުއަށް ސޮއިކޮށް ފޮނުވައިފައިވަނީ އެ ޓީވީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ނާޒުމީ ސައީދެވެ.
އެ ސިޓީގައި ވާގޮތުންް، ރާއްޖެ ޓީވީ ގައި މަސައްކަތް ކުރަމުންދާ މުވައްޒަފެއް ކަމުގައިވާ ސީނިއަރ ވީޑިއޯ ޖަރނަލިސްޓް ލައިޝާ އަހުމަދުއަށް އިންސްޓަގްރާމް މެދުވެރިކޮށް 28 އޭޕްރީލް 2024 ވަނަ ދުވަހު 21:43 ގައި ކޮށްފައިވާ ކޮމެންޓެއްގައި ރާއްޖެޓީވީގެ ދުވަސް ދުއްވާލާނެ ކަމަށާއި، ހުޅުޖަހާނެ ކަމަށް ބުނެ މީހަކު އިންޒާރު ދީފައިވާ ކަމަށެވެ.
މިއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ބެލެވޭތީ މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެ ޓީވީ ސްޓޭޝަންގެ ފަރާތުން ވަނީ އެދިފައެވެ.
އަދި ރާއްޖެ ޓީވީ އަށާއި، ރާއްޖެޓީވީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ ފުލުހުންގެ ފަރާތުން އެދިފައެވެ.
2013 ވަނަ އަހަރު އޮކްޓޫބަރު މަހު 7 ވަނަ ދުވަހު ވެސް ރާއްޖެ ޓީވީ ހިންގަމުން އައި ހ.ކްއީން އޮފް ދަ ނައިޓް (ބީކޭޓީ ބިލްޑިންގ) އިމާރާތަށް ހަތިޔާރާއެކު ބަޔަކު ވަދެ ރާއްޖެޓީވީގެ މައި ސްޓޫޑިއޯގެ ތެރެއަށް ޕެޓްރޯލް އަޅާ ރޯކޮށްލުމުގެ ސަބަބުން ރާއްޖެ ޓީވީ އަށް އިއާދަ ނުކުރެވޭވަރުގެ ގެއްލުންތަކެއް ލިބިފައިވާކަން މި ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.
އަދި މިކަން ހިނގައިދިޔައީ އެފަދަ ކަމެއް ހިނގާފާނެ ކަމަށް ފުލުހުން އަދި ކަމާބެހޭ އިދާރާތަކުން ސަލާމަތްތެރިކަން ހޯދުމުން އެ ކަން ފޯރުނުކޮށްދިނުމުން ކަމަށާއި މިފަހަރު އެގޮތައް ތަކުރާރު ނުވާނެ ކަމުގެ އުންމީދު ކުރާކަމަށް ވެސް އެ ޓީވީ ސްޓޭޝަންގެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.
ރާއްޖެ ޓީވީގައި ރޯކޮށްލާނެ ކަމުގެ އިންޒާރު ދިން ވާހަކަ ޗެނަލް 13 އިން ޝާއިއު ކުރުމާއެކު ޗެނަލް 13 އަށް ވެސް ވަނީ އެކި އެކި ފަރާތްތަކުން އިންޒާރުދީފައެވެ.