ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުން ފާހަގަކުރެވުނު މައްސަލަތައް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ހާމަކޮށްފި އެވެ.
އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެޕްރިލް 21 ގައި ބޭއްވި އިންތިހާބުގެ އޮބްޒާވަރުންގެ ގޮތުގައި 18 އަތޮޅެއްގެ 35 ރަށެއްގައި އެޗްއާރްސީއެމްގެ 88 އޮބްޒާވަރުން ހަރަކާތްތެރިވެފައިވާކަމަށެވެ.
އިންތިހާބު ދުވަހުގެ ކުރީ ދުވަހު އެޗްއާރްސީއެމްއަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު:
ބައެއް ސަރަހައްދުތަކުގައި ހުރި ކެމްޕެއިން ޕޯސްޓަރުތަކަށް ހުރީ ގެއްލުންދީފައި
ކެމްޕެއިން ކުރުމުގެ އެންމެ ފަހު ދުވަހު ކެމްޕެއިން ނިންމާލުމަށް ބޭއްވުނު ހަރަކާތުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވޭ
ކެމްޕެއިން ކުރުން މަނާ ގަޑި 18:00 ގައި ހުރިހާ ހިސާބަކުން ވެސް ކެމްޕެއިން ކުރުން ނިންމާލި. ނަމަވެސް ސޯޝަލް މީޑިއާ އަދި ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ކެމްޕެއިން ކުރުމުގެ ގޮތުން މެސެޖުތަކާއި ކެމްޕެއިން ޕޯސްޓުތައް ފޮނުވަމުންދިޔަ,
އިންތިހާބު އޮތް ދުވަހު އެޗްއާރްސީއެމްއަށް ފާހަގަކުރެވުނު ކަންތައްތައް:
ވޯޓުލުން ފަށަން ކަނޑައެޅިފައިވާ ގަޑިއަށް ވޯޓުލާން ފެށިފައި ވަނީ 77 ޕަސަންޓު މަރުކަޒުގައި. ވޯޓުލުން ފެށުން ލަސްވީ މައިގަނޑު ގޮތެއްގައި އޮފިޝަލުންނަށް ވޯޓުލުމުގެ ކަންކަން ވަގުތަށް ތައްޔާރު ނުކުރެވުމުގެ ސަބަބުން.
45 ޕަސަންޓު މަރުކަޒުތަކުގައި 7:30 ގެ ކުރިން ވޯޓު ކަރުދާސްތައް ހަމަތޯ ޗެކް ކުރެވިފައި ނުވޭ އަދި އޮބްޒާވްކުރި ފޮށިތަކުގެ ތެރެއިން އެންމެ ލަހުން ވޯޓުލާން ފެށިފައި ވަނީ 8:35 ގައި.
ތިން މަރުކަޒރެއްގައި "ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު" އާއްމުކޮށް ފެންނާނެހެން ހަރުކުރެވިފައި ނުވޭ. އެ މަރުކަޒުތަކުގައި ލިސްޓު ބާއްވާފައި ވަނީ މަރުކަޒުގެ ތެރޭގައި ހުރި މޭޒެއް މަތީގައިކަމުން، ވޯޓުލާން އަންނަ ކޮންމެ މީހަކަށް ލިސްޓު ނުފެނުމަކީ އެކަށީގެންވާ ކަމެއް.
ވޯޓުލާ މަރުކަޒުގެ ތެރެއިން 9 ޕަސަންޓު ސަރަހައްދުގައި ވޯޓުލާން އައިސް އަވީގައި ތިބެން ޖެހުނު. އަދި 12 ޕަސަންޓު ސަރަހައްދުގައި ވޯޓުލާން އައިސް ތިބޭއިރު ވާރެއިން ނިވާވެވޭނެ ގޮތް ހަމަޖެހިފައި ނުވޭ.
26 ޕަސަންޓު ވޯޓުލާ ސަރަހައްދަކީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމާ ނުލާ ވަދެ ނިކުމެވޭ ގޮތަށް ހުރި ސަރަހައްދުތަކެއް ނޫން.
37 ޕަސަންޓު މަރުކަޒުތަކަކީ ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމިއްލައަށް ވަދެ ނިކުމެ އުޅެވޭ ގޮތަށް ހުރި މަރުކަޒުތަކެއް ނޫން. އޭގެ ސަބަބުގެ ތެރޭގައި އެ މަރުކަޒުތައް ޖާގައިގެ ގޮތުން ކުޑަވުމާއި ވަދެ ނިކުންނަ ދޮރު ހަނިވުމާއި މަރުކަޒުތަކުގެ ކުރިމަތީ އޮޅިގަނޑެއް ހުރުން ހިމެނޭ.
އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ މަސައްކަތާއި އިންތިޒާމުތައް ނިސްބަތުން ރަނގަޅުކަމަށާއި، ޖުމްލަ ގޮތެއްގައި އިންތިހާބަކީ މައްސަލަތައް މަދު އޮމާންކޮށް ކުރިއަށް ގެންދެވުނު އިންތިހާބެއް ކަމަށް އެޗްއާރްސީއެމްއިން ވަނީ ސިފާކޮށްފައެވެ.