ހިންގާނީ އެންމެ ޚަރަދު ކުޑަ ސަރުކާރު ކަމަށް ބުނެ އައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ މުސާރައަށް އެކަނި މަހަކު 1 މިލިއަން ރުފިޔާ ޚަރަދުކުރާކަން ހާމަވެއްޖެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި މަހުގެ ދެ ވަނަ ދުވަހު ފިޝަރީޒް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ މައުލޫމާތު ހޯދުމަށް "ދައުރު" ނޫހުން ފޮނުވުމުން ޖަވާބުގައި ފިޝަރީޒު މިނިސްޓްރީއިން ފޮނުވި ސިޓީއިން ހާމަވާ ގޮތުގައި އެ މިނިސްޓްރީގައި 38 މުވައްޒަފުން މި ވަގުތު ސިޔާސީ މަގާމުތަކުގައި މަސައްކަތްކުރަމުން ދެއެވެ.
އޭގެ ތެރޭގައި ހިމެނެނީ ވަޒީރުގެ އިތުރުން، 2 ސްޓޭޓް މިނިސްޓަރުން، 11 ޑެޕިއުޓީ މިނިސްޓަރުންނާއި 11 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން، 12 ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން މިނިސްޓަރުގެ ޕާސަނަލް އެސިސްޓެންޓެވެ.
މި ހުރިހާ ބޭފުޅުންގެ ޖުމްލަ މުސާރައަކީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް 1 މިލިއަން ރުފިޔާ އެެވެ. އަހަރަކަށް 12.5 މިލިއަން ރުފިޔާއެވެ.
މުސާރައިގެ ތަފްސީލަށް ބަލާއިރު،:
މިނިސްޓަރު އަހްމަދު ޝިޔާމަށް މުސާރައިގެ ގޮތުގައި 66،500ރ.
2 ސްޓޭޓް މިނިސްޓަރުން؛ ކޮންމެ ބޭފުޅެއްގެ މުސާރައަކީ، 43،000ރ.
11 ޑެޕިއުޓީ މިނިސްޓަރު؛ ކޮންމެ ބޭފުޅެއްގެ މުސާރައަކީ 31،500ރ.
11 ސީނިއަ ޕޮލިޓިކަލް ޑިރެކްޓަރުން: ކޮންމެ ބޭފުޅެއްގެ މުސާރައަކީ 25،500ރ.
12 ޕޮލިޓިކަލް ޑިރެކްޓަރުން؛ ކޮންމެ ބޭފުޅެއްގެ މުސާރައަކީ، 20،500ރ.
މިނިސްޓަރުގެ ޕާސަންލް އެސިސްޓެންޓް؛ މުސާރައަކީ، 20،000ރ. ޚަރަދުކުރެއެވެ. މީގެ އިތުރުން ހިސާބުތަކުން އިތުރަށް ހާމަވީ ކަމަކީ، މިނިސްޓަރުގެ ފޯނު ބިލަށް އެހެން މީހުންގެ ބިލަށް ޚަރަދު ކުރާވަރަށް ވުރެ އިތުރަށް 500 ރުފިޔާ ޚަރަދު ކުރަން ޖެހޭ ކަމެވެ.
މި ސަރުކާރަކީ އެންމެ ޚަރަދު ކުޑަކޮށް އެންމެ މަތި ލުއިކޮށް ހިންގާނެ ކަމުގެ ވައުދާ އެކު އައި ސަރުކާރެއް ނަމަވެސް ސަރުކާރު އައި ފަހުން ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރަމުން ދިޔައީ ބަޑިތަކުރު ވިހޭރޭ އަލަފަތް ވެސް ތިޔާގީ ނުވާހާ ހަލުވި ކަމާއެކުއެވެ.
އެއާ އެކު ގިނަ ފާޑުކިޔުންތަކެއް ސަރުކާރަށް އާމާޒުވާން ފެށުމުން ސިޔާސީ މަގާމުތަކުގެ ތަފްސީލާ އަދި އަދަދުވެސް ރައީސް އޮފީހުގެ ސައިޓުގައި ހާމަކުރުން ހުއްޓާލިއެވެ.
އެހެންކަމުން އެކަމުގެ ތަފްސީލު ހާމަކޮށްދިނުމަށް އެދި ރައީސް އޮފީހަށާ އަދި ތަފާތު މިނިސްޓްރީތަކަށް އެކި ނޫސްވެރިން އެދިފައިވެއެވެ. ނަމަވެސް މިހާތަނަށް ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ.