ޗިކަންގުންޔާ އާއި ޑެންގޫ ހަލުވިކަމާއެކު ރައްޖޭގައި ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ސިއްޙަތާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ، މި އަހަރު ޗިކުންގުންޔާގެ 134 ކޭސް ރިޕޯޓުކޮށްފައި ވާއިރު މިދިޔަ މަހު އެކަނި 129 ކޭސް ރިޕޯޓު ކޮށްފައި ވާކަމަށެވެ. ޗިކުންގުންޔާ ޖެހިގެން އެންމެ ގިނަ ބަޔަކު ރިޕޯޓުކޮށްފައި ވަނީ މާލޭ ސަރަހައްދުންނެވެ. އެގޮތުން، މާލޭ ސަރަހައްދުން މިއަހަރު 130 ކޭސް ރިޕޯޓުކޮށްފައި ވެއެވެ. އަތޮޅުތެރެއިން ރިޕޯޓުކޮށްފައި ވަނީ ހަތަރު ކޭހެވެ.
މިދިޔަ މާޗް މަހާ އަޅާ ބަލާއިރު، އެޕްރިލް މަހު ޗިކުންގުންޔާ ފެތުރުނު މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. މާޗް މަހު މި ބަލީގައި ރިޕޯޓުކޮށްފައި ވަނީ އެންމެ ފަސް ކޭހެއެވެ.
ޗިކަންގުންޔާގެ އަލާމާތްތަކުގެ ތެރޭގައި 39 ޑިގްރީ އިން މަތިން ހުން ގަދަވުން، ގަދައަށް ބޮލާއި ގައިގައި ރިއްސުން، ހުޅުހުޅު ދުޅަވުން، ހުޅުހުޅުގައި ރިއްސުން އަދި ބަނޑުގައި ރިއްސުމާއި، މޭނުބައިކޮށް ހޮޑުލެވުމާއި ގައިގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ.
މީގެ އިތުރުން މަދިރީގެ ޒަރިއްޔާއިން ޑެންގީ ހުންވެސް ހަލުވި ކަމާ އެކު ފެތުރެމުންދާތީ ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
ބަލީގެ ނުރައްކާތެރިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ކުޑަކުދިންގެ ޑޮކްޓަރު ޑރ. ފައިސަލް ވިދާޅުވީ 1 އަހަރުނުވާ 2 ކުޑަކުދިން ޑެންގޫ ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓު ކުރަން ޖެހުނު ކަމަށެވެ. އަދި ޑެންގޫ ހުމުގައި ފުރާނައަށް ނުރައްކާތެރި ވަނީ ހުން މަޑުވަމުން ދާއިރު ނުވަތަ ހުން ފިލުމަށް ފަހު އަންނަ ފުރަމަ 24-48 ގަޑިއިރުތެރޭ ކަމަށާއި އެހެންކަމުން މަދިރި އާލާވުމާއި ހެފިޔަނުދިމުށް ސަމާލުވާން ޖެހޭ ކަމަށްވެސް ޑރ. ފައިސަލް ވަނީ ވިދާޅުވެފައެވެ.
ޗިކުންގުންޔާ އެކަންޏެއްނޫން
— Ahmed Faisal (@Faisalnaifaru) April 30, 2024
ރޭގައިވެސް 1 އަހަރުނުވާ 2 ތުއްތު 👶، ޑެންގީހުންޖެހިގެން ބާއްވަން ޖެހުނު
ޑެންގޫ ހުމުގައި ފުރާނައަށް ނުރައްކާތެރިވަނީ ހުން މަޑުވަމުންދާއިރު ނުވަތަ ހުންފިލުމަށްފަހު އަންނަ ފުރަމަ 24-48 ގަޑިއުރުތެރޭ
މަދިރި އާލާވުމާ ހެފިޔަނުދިމުށް ސަމާލުވާތި! pic.twitter.com/u03ekLHmFd
އެޗްޕީއޭއިން ވަނީ، ސިއްހީ ޚިދުމަތްތެރިއެއްގެ އިރުޝާދުގެ ދަށުން ނޫނީ އެއްވެސް ބޭހެއް ބޭނުންނުކުރުމަށެވެ. އަދި ހަތް ދުވަހަށް ވުރެ އިތުރަށް ހުން ހުންނަ ނަމަ ނުވަތަ ހުޅު ދުޅަވެ ރިއްސާނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.