March 10, 2026
Advertisement
ހީނާ ނޫސްވެރިންނާ ވާހަކަދައްކަވަނީ
ހީނާ ނޫސްވެރިންނާ ވާހަކަދައްކަވަނީ / އަދަދު

ކަރަންޓު ބިލު މައްސަލައިގައިވެސް އޮޅުވާލުމުގެ މަސައްކަތް ހީނާ ފައްޓަވައިފި

Azhan Ibrahim
އަޒްހާން އިބްރާހިމް
May 3, 2024, 01:54 AM
މާލެ ސިޓީ

މިދިޔަ ރަމަޟާން މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓު ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވުމަށްފަހު ޑިސްކައުންޓު ނުދީ ބިލުތައް ތައްޔާރު ކުރި މައްސަލައިގައި އޮޅުވައިލުމުގެ މަސައްކަތް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ފައްޓަވައިފި އެވެ.

Advertisement

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަކީ ކަރަންޓާއި ފެން ބިލުތައް ގޭގޭގައި އުފުލިގެންދާ މަހެކެވެ. މިއާއެކު ރައީސް މުއިއްޒު ވިދާޅުވީ ހާއްސަ ޑިސްކައުންޓެއް ދެއްވައި ކަރަންޓު ބިލުތައް އެއްވަރެއްގައި ހިފަހައްޓާނެ ކަމަށެވެ.

މިއަހަރުގެ ރަމަޟާން މަސް ފެށުނީ މާޗު މަހުގެ 10 ވަނަ ދުވަހު އެވެ. ކަރަންޓު ބިލު ތައްޔާރު ކުރަނީ މީލާދީ މަހުގެ ފުރަތަމަ ދުވަހުކަމުން ރަމަޟާން މަހު ބޭނުންކުރި ކަރަންޓު ދެ މަހެއްގެ ބިލަށް ބެހިގެން ދާނެ އެވެ. ރަމަޟާން މަހުގެ ތެރޭގައި އޭގެ ތެރެއިން އެއް ބިލު ތައްޔާރުކޮށް ފޮނުވިއިރު އެބިލު ހުރީ އާންމު އަދަދުތަކެއްގައި ހިފެހެއްޓިފަ އެވެ. އެހެންނަމަވެސް އޭޕްރީލް މަހުގެ ބިލު ތައްޔާރު ކުރިއިރު ކަރަންޓު ބިލު ވަނީ އާދަޔާ ހިލާފަށް މައްޗަށް ގޮސްފަ އެވެ.

މިކަމާއި ގުޅިގެން އާންމުންގެ ޝަކުވާތައް ވަރަށް ބޮޑަށް އިތުރުވެގެން ދިޔަ އެވެ. މީގެ ކުރިން 2000 ރުފިޔާ ކަރަންޓު ބިލަށް އަރާ ގެތަކަށް އޭޕްރީލް މަހު 4000 ރުފިޔާވެސް އަރާފައި ހުއްޓެވެ. ބައެއް މީހުން ބުނަމުން ދިޔައީ މާޗު މަހުގެ ބިލުން ކަނޑައިލި އަދަދު އޭޕްރީލް މަހުގެ ބިލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އާންމުންގެ ޝަކުވާ ބޮޑުވެ އެންމެ ފަހުން މިއަދު ވަނީ އޭޕްރީލް މަހުގެ ބިލު ތައްޔާރު ކުރެވުނީ ރައީސް ވައުދުވެވަޑައިގެންނެވި ޑިސްކައުންޓު ނުހިމަނާކަމަށް ސަރުކާރުން ބުނެފަ އެވެ. ހީނާ ވިދާޅުވީ ރައީސް ވިދާޅުވި ލުއި ބިލުގައި ހިމަނާފައި ނުވާކަން ފާހަގަކުރެވި ލުއި ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ސަރުކާރުން މިހެން ބުނިނަމަވެސް އޭޕްރީލް މަހުގެ ބިލަށް ލުއި ދޭން އެއްވެސް އިރެއްގައި ނިންމާފައި ނުވާކަން ޗެނަލް 13 އަށް ވަނީ ކަށަވަރުވެފަ އެވެ. މިކަމަށް ހެކި ވަނީ ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެވެ. އޭނާ ވިދާޅުވީ އޭޕްރީލް މަހުގެ ބިލު ބޮޑުވެފައިވަނީ ހޫނު ގަދަވުމުގެ ސަބަބުންކަމަށާއި އަންނަ މަހު ފޮނުވާ ބިލުވެސް ބޮޑުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ކަރަންޓު ބިލު މައްސަލައިގައި އޮޅުވައިލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު މިފަހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ނޫސްވެރިންނަށް ފޯނު ނުވެއްދޭނެކަމަށް އެންގެ މައްސަލައިގައިވެސް ވަނީ އޮޅުވާލައިފަ އެވެ. އެގޮތުން ނޫސްވެރިންނަށް ފޯނު ނުވައްދަން ރައީސް އޮފީހުން އެންގިކަމަށް ހުދު ހީނާ އެއްބަސްވެލެއްވުމަށްފަހު، ފަހުން އެކްސްގައި ވަނީ މައުލޫމާތު އޮޅޭގޮތަށް ނޫސްވެރިން ކުށްވެރިކޮށް ވާހަކަ ދައްކަވައިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved