މިނިސްޓަރު ޒަމީރު އަދި މިނިސްޓަރު ޖައިޝަންކަރު / ފޮރިން މިނިސްޓްރީ
ސިޔާސީ
އިންޑިއާ-ރާއްޖޭ ކޯ-ގްރޫޕުގެ ހަތަރު ވަނަ ބައްދަލުވުން ބާއްވައިފި
Mariyam Isaadha
މަރިޔަމް އިސާދާ
04 މޭ 2024
މާލެ ސިޓީ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެ ގައުމަށް އަބުރާ ގެންދިޔުމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި ބާއްވަމުން އަންނަ މަޝްވަރާތަކުގެ ހަތަރުވަނަ ބައްދަލުވުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާއްވައިފިއެވެ.

މި ބައްދަލުވުމާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީއިން ހާމަކޮށްފަިއވާ މައުލޫމާތުގައި ވާގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގައި ބޭއްވި މަޝްވަރާތަކުގައި ދެ ގައުމުން މިހާރު އެއްބާރުލުން ދެމުން ދާ ގޮތް މުރާޖަކޮށްފައިވެއެވެ.

އެގޮތުން މި މަހުގެ 10 ގެ ކުރީން ބާކީ ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ގެންދާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.


އެކަމާ ގުޅޭ ލޮޖިސްޓިކް ހުރިހާ އިންތިޒާމުތަކެއް ތާވަލާ އެއްގޮތަށް ކުރިއަށްދާކަމުގެ ހިތްހަމަޖެހުން ދެ ގައުމުން ވެސް ފާޅުކުރި ކަމަށްވެސް ރާއްޖޭގެ ޚާރިޖީ ވުޒާރާއިން އާންމުކުރި ބަޔާނުގައިވެއެވެ.

އިންޑިއާ-ރާއްޖެ ވާހަކަތައް ކުރިއަށް ގެންދާ މަތީ ފެންވަރުގެ ކޮމިޓީގެ އެންމެ ފަހުގެ ބައްދަލުވުމުގައި، ތަރައްގީ އާއި ދިފާއީ ގޮތުން ދެ ގައުމުން އެއްބާރުލުން ދިނުމަށް ޝައުގުވެރިވާ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި، އެއްބަސްވެފައި ވަނީ ހައި ލެވެލް ކޯ ގްރޫޕްގެ ފަސްވަނަ ބައްދަލުވުން މާލޭގައި ޖޫން، ޖުލައި މަހުގެ ތެރޭގައި ދެ ގައުމުން އެއްބަސްވާ ތާރީޚެއްގައި ބާއްވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމާ ގުޅޭ ރަސްމީ މަޝްވަރާތައް ފަށާފައިވަނީ 14 ޖެނުއަރީގަ އެވެ. އެ މަޝްވަރާތައް ކުރިއަށް ގެންދާ ކޯ-ގްރޫޕަކީ މިދިޔަ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި ކޮޕް 28 ސަމިޓުގެ ހަވާސާގައި ރައީސް މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވައި އިއުލާނުކުރެއްވި ކޮމިޓީއެކެވެ.

ނަމަވެސް އިންޑިއާ ސިފައިން ބޭލުމަށް ފަހު މަދަނީ މީހުން ބޭއްތިއްބުމަށް ރާއްޖެއިން އެއްބަސްވުމާ ގުޅިގެން ވަނީ ފާޑުކިޔުން އަމާޒިވެފައެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި އެއީ އިންޑިއާ ސިފައިން ބޭލުން ނޫން ކަމަށާ އެއީ އެމީހުންގެ ޔުނިފޯމު ބޭލުން ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved