ނިމިދިޔަ އޭޕްރީލް މަހުގެ ކަރަންޓު ބިލުތަކަށް ޑިސްކައުންޓު ދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިނަމަވެސް އެޑިސްޓަކުންޓު ނުހިމަނައި ބިލުތައް ތައްޔާރު ކޮށް ފޮނުވުމަށްފަހު އަލުން ޑިސްކައުންޓު ބިލުތައް ތައްޔާރުކޮށް މިރޭ ފޮނުވާނެކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ރަމަޟާން މަހަކީ އާންމުކޮށްވެސް ކަރަންޓު ބިލުތައް ބޮޑުވާ މަހަކަށް ވުމުން މިއަހަރު ރަމަޟާން މަހު ފޮނުވާ ކަރަންޓު ބިލުތަކަށް ޑިސްކައުންޓު ދޭނެކަން އިއުލާން ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އެހެންނަވެސް އޭޕްރީލް މަހުގެ ބިލުތައް ފޮނުވިއިރު ވަނީ އާދަޔާ ހިލާފަށް އަދަދުތައް މައްޗަށް ގޮސްފަ އެވެ. ފަހުން ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ ބިލުތައް ފޮނުވުނީ ރައީސް ދެއްވަން ވައުދުވެވަޑައިގެންނެވި ޑިސްކައުންޓު ނުހިމަނާ ކަމުން ޑިސްކައުންޓު ދިނުމަށްފަހު އަލުން ބިލުތައް ފޮނުވަން ނިންމާފައިވާ ކަމަށެވެ.
ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ނިމިދިޔަ ރަމަޟާން މަހު ބޭނުންކޮށްފައިވާ ކަރަންޓާއި ފެނުގެ ބިލްތައް އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނޭހެން ޑިސްކައުންޓު ދިނުމަށް ނިންމައި، އެކަން ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް ސްޓެލްކޯއިން ތަންފީޒުކޮށްފައިވާ ކަމަށެވެ.
އެގޮތުން ރަމަޟާން މަހުގެ ދުވަސްތައް ހިމެނޭހެން އެޕްރީލް މަހު ފޮނުވާފައިވާ ބިލްތަކުގައި ޑިސްކައުންޓް ހިމަނާފައިވާއިރު، ރަމަޟާން މަހުގެ ބާކީ ދުވަސްތައް ހިމެނޭހެން އެންމެ ފަހުން ތައްޔާރުކޮށްފައިވާ ބިލްތަކުގައި ވެސް ޑިސްކައުންޓު ހިމެނުމަށްފަހު، މި ރޭގެ ނިޔަލަށް އެ ބިލްތައް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، ޑިސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލްތަކުން، ޑިސްކައުންޓު ހިމެނުމުން ފަރަޤުވާ އަދަދު ޖެހިގެން އަންނަ މަހުގެ ބިލްތަކުން އުނިކޮށްދޭން ހަމަޖެހިފައިވާ ކަމަށާއި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމާއި، ރައްޔިތުންނަށް ލުއި ފަސޭހަކަން ގެނެސްދެވޭނެ ކޮންމެ ކަމެއް ކުރުމުގައި ސްޓެލްކޯ އަބަދުވެސް ދެމިއޮންނާނެ ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.
ކަރަންޓު ބިލުތައް މައްސަލައިގައި ސަރުކާރުން ދަނީ އޮޅުވައިލުމަށް މަސައްކަތް ކުރަމުންނެވެ. އޭޕްރީލް މަހުގެ ބިލުތަކަށް ޑިސްކައުންޓު ދޭން ނިންމާފައި މިވަނީ ސަރުކާރަށް އާންމުންގެ ފާޑުކިޔުން އަމާޒުވުމުންނެވެ. އޭގެ ކުރިން ރައީސް އޮފީހާއެކު ކުރި މަޝްވަރާތަކަށްފަހު ބިލުތައް ތައްޔާރު ކުރީ ޑިސްކައުންޓު ނުދީ އެވެ.