ފިޔަވަތި އަދި މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފަހު 10 ގެ އެލަވަންސް ނުދޭކަން ހާމަވެއްޖެއެވެ.
އޮންލައިން ނޫހަކަށް މެޓް އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފަކު ވަނީ މިކަމާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން އޭނާ ބުނީ އެ އޮފީހުގެ މުވައްޒަފުންނަށް ފަހު 10 ގެ އެލަވަންސް ނުލިބޭ ކަމަށާއި އެލަވަންސް ނުލިބޭނެކަން ފިނޭންސް މިނިސްޓްރީން އަންގާފައިވާކަމަށެވެ.
ފިނޭންސް މިނިސްޓްރީން އެލަވަންސް އާ ބެހޭގޮތުން ފޮނުވި ޖަވާބުގައި ބުނެފައިވަނީ މެޓް އޮފީހުގައި ތިބެނީ ފަންނީ މުވައްޒަފުންނަށް ވެފައި އެ މުވައްޒަފުންނަށް ދޭ މުސާރައަކީ ސިވިލް ސާވިސްގެ ބައެއް އެހެން މުއައްސަސާތަކަށް ވުރެ ބޮޑު މުސާރައަކަށް ވާތީ ޑިޔުޓީ ކުރާ މުވައްޒަފުންނަށް ބަންދު ދުވަހުގެ އެލަވަންސް ދެމުން ނުދާ ކަމަށެވެ.
އަދި އެލަވަންސް ދޭ ވަކި އުސޫލެއް ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް އިތުރު އެލަވަންސެއް ދިނުމަކީ ރަނގަޅު ގޮތް ކަމަށް ނުބެލެވޭތީ ފަހު 10 ގެ އެލަވަންސް ދިނުމުގެ ހުއްދަ ނުދެވޭނެ ކަމަށް އެ ވުޒާރާ އިން ވަނީ އަންގާފައެވެ.
މިކަމުގައި މެޓް އޮފީހުގެ ރަސްމީ ބަހެއް ހޯދުމަށްޓަކައި އެ އޮންލައިން ނޫހުން ގުޅުމުން އެ އޮފީހުން ބުނެފައިވަނީ މައުލޫމާތު ހިއްސާ ކުރެވޭނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް މެދުވެރިކޮށް އާރްޓީއައި އެއް ލުމުން ކަމަށެވެ.
ފިޔަވަތީގައި މަސައްކަތް ކުރާ ފަރާތެއް ބުނިގޮތުގައި ފިޔަވަތީގައި އަދާކުރަމުން ދަނީ ދަންވަރާ އެއްކޮށް ޝިފްޓް ޑިޔުޓީ އުސޫލުން ކަމަށެވެ.
އަދި ރޯދަ މަހުގެ ފަހު 10 އެއްގަޔާއި، އީދު ބަންދާއެކު ސަރުކާރު ބަންދު ގިނަ ދުވަސްތަކެއްގައި ވަޒީފާއަށް ނިކުންނަން ޖެހުނުއިރު ވެސް މުސާރައަށް އެއްވެސް ބަދަލެއް ސަރުކާރުން ގެނެސްފައި ނުވާކަމަށެވެ.
ފަހު 10 ބަންދު ކުރެއްވުމަށްފަހު މަސައްކަތައް ނިކުންނަ ފަރާތްތަކަށް ހާއްސަ އެލަވަންސެއް ދެއްވާނެ ކަމުގެ ވައުދު ރައީސް މުއިއްޒު ވެވަޑައިގެންފައިވާއިރު ފިޔަވަތި އަދި މެޓް އޮފީސް ފަދަ ބައެއް އިދާރާތަކަށް އެލަވަންސް ދީފައިނުވާތީ މުވައްޒަފުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.