ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް އިންސާފު ނުލިބި ތިން އަހަރު ފުރިފައިވާތީ ދި ޑިމޮކްރެޓްސް އިން ކުށްވެރިކޮށްފިއެވެ.
ޑިމޮކްރެޓްސް އިން މިއަދު ވަނީ ބަޔާނެއް ނެރެ މިއަދާ ހަމައަށްވެސް ނަޝީދަށް އިންސާފު ލިބިފައިނުވާތީވެ، ޕާޓީގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެގޮތުން އެ ބަޔާނުގައި ބުނެފައިވަނީ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ތިން ފަހަރެއްގެ މަތިން ކުރިންވެސް ރާވައި މަސައްކަތްކުރިކަމުގެ އިންޓެލިޖެންސް މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނިކޮށް އެއާ ވިދިގެން ވެސް އެމަނިކުފާނަށް ގާނޫނު އަސާސީން ލާޒިމުކުރާ ރައްކާތެރިކަން ކަށަވަރުކޮށްނުދީ އޮތްއޮތުން ތަކުރާރުކޮށް ކުށްވެރިކުރާކަމަށެވެ.
އިތުރަށް އެ ބަޔާނުގައި އެ މައްސަލާގައި އިއުތިރާފުވި މީހާ ފިޔަވާ ދެން ތިބި މީހުންގެ ޝަރީއަތްތައް ހިނގުން ލަސްވެ ހައްޔަރުގައިވާ ބައެއް މީހުން ހައްޔަރުން ދޫވުމާއި ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވުމާއި ހަމަލާގެ އަޑީގައިވާ އެއްވެސް ފަރާތެއް މިއަދާ ހަމައަށްވެސް ނުހޯދޭކަން ވަނީ ފާހަގަކޮށްފައެވެ.
ދާދިފަހުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މަޖިލީހަށް ހާޒިރުވެވަޑައިގެން ވިދާޅުވީ ނަޝީދުގެ މައްސަލައާ ގުޅޭ އިތުރު ތަފްސީލްތައް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ އިތުރު މައުލޫމާތު ޣައްސާން ހާމަކުރައްވާފައިނުވެއެވެ.