

މިހާރު ހަލުވިކޮށް ފެތުރެމުންދާ ޗިކުންގުންޔާގެ 117 ކޭސްއެއް އަދި ޑެންގީގެ 40 ކޭސް ހަފުތާއެއްގެ ތެރޭގައި ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ހާމަކޮށްފިއެވެ.
މެއި 01 އިން ފެށިގެން މިއަދާ ހަމައަށް، ފުރަތަމަ ހަތަރު ދުވަހު ވެސް ޗިކުންގުންޔާގެ ކޭސްތައް ގިނަ އަދަދަކަށް ރިޕޯޓުކޮށްފައި ވެއެވެ. އެގޮތުން މޭމަހުގެ ފުރަތަމަ ހަތަރު ދުވަހު ޗިކުންގުންޔާގެ 58 ކޭސް ރިޕޯޓު ކޮށްފައި ވާއިރު، ޑެންގީގެ 40 ކޭސް ރިޕޯޓު ކޮށްފައި ވެއެވެ.
މިހާތަކަށް ޑެންގީ އަދި ޗިކުންގުންޔާ ވެސް އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ، ނިމިދިޔަ އެޕްރިލް މަހުއެވެ. އެގޮތުން އެޕްރިލް މަހު ޗިކުންގުންޔާގެ 177 ކޭސް ރިޕޯޓު ކޮށްފައިވެއެވެ. އަދި ޑެންގީގެ 239 ކޭސް ރިޕޯޓު ކޮށްފައި ވެއެވެ.
މިއަހަރުގެ ހުރިހާ މަހެއްގައި ވެސް ޑެންގީ ޖެހިގެން މީހުން ރިޕޯޓު ކޮށްފައި ވެއެވެ. ނަމަވެސް ތަފާސްހިސާބުތައް ދައްކާ ގޮތުން ޗިކުންގުންޔާ ފެތުރެން ފަށާފައި ވަނީ މާޗް މަހުއެވެ. އެމަހު ރިޕޯޓު ކޮށްފައި ވަނީ ޗިކުންގުންޔާގެ ފަސް ކޭހެވެ.
މަދިރި ގިނަވެ، މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް ގިނަވާތީ މާލޭ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ވަނީ މާލޭ ސަރަހައްދު ފޮގް ކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ.
މި ދެ ބަލި ވެސް އެންމެ ގިނައިން ފެތުރޭކަން ފާހަގަކުރެވިފައި ވަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ.