ށ.އަތޮޅުން ފެށިގެން ކ.އަތޮޅަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓު އޮފީހުން އެ ސަރަހައްދުތަކަށް ސަމާލު ނެރެފައިވަނީ ހެނދުނު 9:00 އިން ފެށިގެން މެދުރު ަފަހު 3:00އަށެވެ.
މެޓުން ހާމަކޮށްފައިވާ ގޮތުގައި، ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެސަރަހައްދަށް ހުދު ސަމާލު ނެރެފައިވާއިރު، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ގޯހެވެ.
އެގޮތުން އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައިވާއިރު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ..
ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ.
ރާޅުގެ އުސްމިން ހުންނާނީ 2 - 5 ފޫޓާ ދެމެދުގައެވެ.
ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީވެ މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރަމުން އަންނަ ދުވަސްވަރެކެވެ. އެގޮތުން ކުރި ވިއްސާރާގައި ބައެއް ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ވެސް ވަނީ ހިނގާފައެވެ.